ފޮރިން މިނިސްޓްރީ

އެގާރަ އެމްބިއުލާންސާއި 61 ރަށަށް ޖިމް ސާމާނު ގަތުމަށް އިންޑިއާއިން ހިލޭ އެހީ ދީފި

ޝަހީދާ އަބްދުﷲ ސައީދު

3

ރާއްޖޭގެ ރަށްރަށުގައި ބޭނުންކުރުމަށް އެގާރަ އެމްބިއލާންސާއި 61 ރަށެއްގައި ބަހައްޓާނެ އައުޓްޑޯ ފިޓްނަސް އިކްއިޕްމަންޓް ގަތުމަށް އިންޑިއާ ސަރުކާރުން 15 މިލިއަން ދިވެހި ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދީފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ 61 ރަށެއްގައި ބަހައްޓާނެ އައުޓްޑޯ ފިޓްނަސް އިކްއިޕްމަންޓް ގަތުމަށް އަށް މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދީފައިވާ ކަމަށެވެ.

އަދި އެގާރަ އެމްބިއުލާންސް ގަތުމަށް 7.7 މިލިއަން ދިވެހި ރުފިޔާ ދީފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި އިންޑިއާއިން ރާއްޖޭގެ 61 ރަށެއްގެ ޖިމަށް ބޭނުންވާ ސަމާނު ގަތުމަށް އެހީވެ ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފައިވާ ގޮތަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކަސްރަތު ކުރެވޭނެ އިންތިޒާމް ރައްޔިތުންނަށް ފަހިކޮށްދިނުމަށެވެ.

އަދި 11 އެމްބިއުލާންސް ދިނުމަށް ނިންމީ ރާއްޖޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ނައްތާލައި ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އިންޑިއާ އިން ރާއްޖެއަށް 6.93 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދޭން އެއްބަސްވީ މި އަހަރުގެ މާޗް މަހުގެ 17 އިން 18 އަށް އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟