ޚަބަރު

އަދީބު ގޭބަންދަން ބަދަލުކުރުމަށް އަމުރުކޮށްދިނުން އެދި އެޗްއާރްސީއެމަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ގޭބަންދަށް ބަދަލުކުރުމަށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރު ކުރުމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގައި އަދީބުގ އަނބިކަނބަލުން އެދިވަޑައިގެންފި އެވެ.

އެޗްއާރުސީއެމްގެ ރައީސް އާމިނަތު އިނާސް އަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކުގައި ދައުލަތުން މިހާރު އިހުމާލު ވަމުންދާތާ ތިން އަހަރު ވެފައިވާ ކަމަށެވެ.

އަދީބު ގޭބަންދަަށް ބަދަލުކުރުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަން، ނަޝްވާގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އަދީބުގެ ހާލަތު ގޯސްވުމުގައި ޒިންމާވާނެ ފަރާތަކީ ކޮބައިތޯ، ނަޝްވާ ވަނީ ސުވާލު ކުރައްވާފައެވެ.

"މިފަދަ ހާލަތެއްގައި އަދީބަށް ލިބޭ ގެއްލުމެއްގައި ޒިންމާވަނީ ކޮން މުއައްސަސާއެއް، ކޮން ވެރިއެއްތޯ؟ އަދީބަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިއްޖެނަމަ ފަހެ ޒިންމާ ވާނީ ކާކުތޯ؟" ނަޝްވާ ސުވާލުކުރެއްވިއެވެ.

އިންސާނީ ހައްގުތައް ހޯދައިދިނުމާއި ދައުލަތުގެ އެކި މުއައްސަސާތަކުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް ގިރާކުރުމުގައި އެހީތެރިވުމަކީ އެޗްއާރުސީއެމް އުފެއްދުމުގެ މަގުސަދު ކަމަށް ނަޝްވާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އަދީބުގެ ސިއްހީ ހާލަތާމެދު ވެފައިވާ އިހުމާލަށް ފިޔަވަޅު އެޅުމަކީ އެޗްއާރުސީއެމްގެ ވާޖިބު ކަމަށް ވެސް ނަޝްވާ ފާހަގަކުރެއްވިއެވެ.

ނަޝްވާ ސިޓީގައި ވިދާޅުވެފައި ވަނީ އެފަދަ ހާލަތެއްގައި އިންސާނީ ހައްގުތަކުގެ ވާޖިބު އިސްކޮށް އަދީބަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކޮށްދެއްވުމަށެވެ.