ޚަބަރު

ނުއަގުގައި ހޯދާފައިވާ ދައުލަތުގެ މުދާ އަނބުރާ ހޯދުމަށް ހާއްސަ ބިލެއް މި އަހަރު މަޖިލީހަށް ހުށަހަޅަނީ

ނުއަގުގައި ހޯދާފައިވާ ދައުލަތުގެ މުދާ އަނބުރާ ހޯދުމަށް ހާއްސަ ބިލެއް މި އަހަރު މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ މިދިޔަ އެއް އަހަރުގެ ތެރޭގައި ގައުމުގެ ކަންކަން ރަނގަޅުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން 35 ބިލެއް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން 30 ބިލެއް މަޖިލީހުން ފާސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މަޖިލީހުން ފާސްކުރި ބިލުތަކުގެ ތެރޭގައި 21 ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލާއި މުޅިން އާ 8 ބިލެއް އަދި ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެނައުމުގެ ބިލެއް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލުތަކެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

"ކޮރަޕްޝަން ހުއްޓުވުމަށްޓަކާ އެންޓި ކޮރަޕްޝަންގެ ގާނޫނަށާއި ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތައް މިއަހަރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނަން. މީގެ އިތުރުން، އެކިފަރާތްތަކުން ނުއަގުގައި ހޯދާފައިވާ ދައުލަތުގެ އެސެޓްތަކުގެ ހަމައަގު ހޯދައި، ގާނޫނާ ހިލާފަށް އެކިފަރާތްތަކުން ހޯދާފައިވާ ދައުލަތުގެ އެސެޓްތައް އަނބުރާ ހޯދުމަށްޓަކާ އެސެޓް ރިކަވަރީއާބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން މިހާރުދަނީ ކުރަމުން. އެބިލު ވެސް މިއަހަރުގެ ތެރޭގައި ސަރުކާރުން މަޖިލީހަށް ހުށަހަޅަން ވާނީ ނިންމާފަ" ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ދެން ހުށަހެޅުމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކާއި މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ހުށަހަޅާ އިސްލާހުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ގާނޫނުއަސާސީއަށް ގެނައުމަށް ގަސްދުކުރާ މުހިންމު އެހެނިހެން ބައެއް އިސްލާހުތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު ހަރަދަނާކުރުމުގެ ގޮތުން ގާނޫނުލްއުގޫބާތަށާއި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ވެސް ސަރުކާރުން އިސްލާހު ހުށަހަޅާނެ ކަމަށެވެ. އެ އިސްލާހުތަކުގެ ތެރޭގައި ކަފާލާތުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް ފުރިހަމަ ކަފާލާތުގެ ނިޒާމެއް ތައާރަފުކުރުމަށް ގެންނަ އިސްލާހަކާއި އޮންލައިން ފްރޯޑްގެ މައްސަލަތަކާއި ސައިބާ ވަޔަލަންސްގެ މައްސަލަތައް ހުއްޓުވުމަށްޓަކާ ގެންނަ އިސްލާހުތައް ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކާ މުޅިން އަލަށް އެކުލަވާލާ ބިމުގެ ބިލަކާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު އަދި ބޯހިޔާވަހިކަމުގެ ބިލެއް ވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސްގެ ހިދުމަތް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ބިލު މިފެށޭ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމަށްޓަކާ އެންޓި ކޮރަޕްޝަންގެ ގާނޫނަށާއި ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މިއަހަރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.