ޚަބަރު

އާ މަޝްރޫއުތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ޖުމުލަ 1043 މަޝްރޫއު ކުރިއަށްދާނެ: ރައީސް

އާ މަޝްރޫއުތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ޖުމުލަ 1043 މަޝްރޫއު ކުރިއަށްދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ހުއްޓިފައިވާ މަޝްރޫއުތަކެއް ހުރި ކަމަށާއި އިންތިހާބާ ދިމާކޮށް އެއްވެސް ބަޖެޓެއް ޕްލޭނެއް ނެތި ކޮންޓްރެކްޓްކޮށް އެއްގޮތަކަށްވެސް މަސައްކަތް ނުފެށި ހުރި މަޝްރޫއުތަކެއްވެސް ހުރި ކަމަށެވެ.

އެގޮތުން ހިނގަމުންދާ މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމުމާއެކު، މަސައްކަތް ފަށައި ކުރިއަށް ނުގޮސް ހުރި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތް ހެދުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިގޮތުން ހުއްޓިފައިވާ ފެނާއި ނަރުދަމާ މަޝްރޫއުތަކާއި ސްކޫލް އިންފްރާސްޓަރަކްޗާ، ހެލްތް ސެންޓަރު އަދި ކުޅިވަރު ކުޅޭ ތަންތަން ހެދުމުގެ ހުރިހާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މި މަހާއި މާޗު މަހުގެ ތެރޭގައި ފެށޭނެ. ހުރިހާ ބާވަތެއްގެ މަޝްރޫއުތައް ހިމެނޭހެން ބަލާއިރު، ހުއްޓިފައިވާ މަޝްރޫއުތައް ފެށުމާއި ހިނގަމުންދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި އަލަށް ފަށާ މަޝްރޫއުތަކާއެކު ޖުމުލަ 1043 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އަހަރު ކުރިއަށްދާނެ،" ރައީސް ވިދާޅުވިއެވެ.