ސަރުކާރުގެ އަމާޒަކީ ޑެފިސިޓް ކުޑަކޮށް، ދަރަނި ނަގާ އަދަދު މަދުކޮށް، ބަޖެޓް ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް ކުޑަކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އިގުތިސާދު ކުރިއަރައި، ދައުލަތުގެ އާމްދަނީ އިތުރުވަމުންދިޔަ ނަމަވެސް، މާލިއްޔާއަށް އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އަދި ޒަމާންތަކެއް ވަންދެން، ލިބޭ އާމްދަނީއަށްވުރެ އިތުރަށް ދައުލަތުގެ ހަރަދުތައް މާބޮޑުކޮށް ހިންގުމަކީ ސަގާފަތެއްކަމަށް ހަދައި، ނިޒާމީ ގޮތުން ތަރުތީބުކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނަން ބޭނުންފުޅުވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ބޮޑު ގައުމީ އަދި މާލީ މައްސަލައަށް ހައްލު ހޯދުމަށް ދައުލަތުގެ މާލިއްޔާއިން ކުރަމުންދާ ހަރަދުތައް ހަމަމަގަށް އެޅުވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެކަށައަޅައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންދަވާ ކަމަށެވެ.
"ހަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު، އަމާޒަކީ މި އަހަރު ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް، ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކުރުން. މިގޮތުން އަމާޒަކީ މި އަހަރު އާމްދަނީ އިތުރުކޮށް ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާ އަށް ކުޑަކުރުން. މީގެ ކުރިން 2024 ވަނަ އަހަރު ބަޖެޓް ޑެފިސިޓް ހުރީ 13.6 ބިލިއަން ރުފިޔާގައި އަދި 2023 ވަނަ އަހަރު 10.7 ބިލިއަން ރުފިޔާއިން ބަޖެޓް ޑެފިސިޓްވި،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ އަމާޒު ހާސިލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށާއި ތަރައްގީގެ މަޝްރޫއުތަކުގެ ދުވެއްޔަށް އެއްވެސް މަޑުޖެހުމެއް ނުގެންނާނެ ކަމަށެވެ. އަދި ފިސްކަލް ދެމެހެއްޓެނިވިކަން ހާސިލުވާނޭކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށްވެސް ވިދާޅުވި އެވެ.