މިއަހަރުވެސް ރާއްޖޭގެ އިންފްލޭޝަން އިތުރުވިޔަ ނުދީ އިރާދަކުރެއްވިއްޔާ ހިފެހެއްޓޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެނދުނު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ދިރިއުޅުމުގެ ހަރަދުތައް އިތުރުވިޔަނުދީ ހިފެހެއްޓުމަކީ އިގުތިސާދީ ސިޔާސަތުތަކުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށާއި އެގޮތުން، ރާއްޖޭގެ ބާޒާރުގެ އަގުތައް އެވަރެޖްކޮށް އެއް މިންވަރެއްގައި ހިފެހެއްޓުމަށް މިދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
ވަކިން ހާއްސަކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް، ރަމަޟާން މަހުގައި ކޮންމެހެން ބޭނުންވާ ތަކެތީގެ އަގުތައް ބޮޑުވިޔަނުދީ ހިފަހައްޓައި، ރައްޔިތުން ބޭނުންވާ މުދާ މެދުކެނޑުމެއްނެތި ލިބެން ހުންނާނެކަން މިދިޔަ އަހަރުގެ ރަމަޟާން މަހު ވަނީ ކަށަވަރުކޮށްދީފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިދިޔަ އަހަރު ރާއްޖޭގެ އިންފްލޭޝަން، ނުވަތަ ތަކެތީގެ އަގުތައް އެވަރެޖްކޮށް އިތުރުވެފައިވަނީ 0.8 އިންސައްތައިން. މިއީ 2023 ވަނަ އަހަރު އިންފްލޭޝަން ހުރި މިންވަރު ކަމަށްވާ 2.9 އިންސައްތައަށްވުރެ ދަށް މިންވަރެއް. އަދި ދުނިޔޭގެ ބާޒާރުގެ އަގުތަކާއި ރާއްޖޭގެ އިގުތިސާދީ ހާލަތު ބަދަލުވަމުންދާގޮތަށް ބަލައި، މިއަހަރުވެސް ރާއްޖޭގެ އިންފްލޭޝަން އިތުރުވިޔަ ނުދީ އިރާދަކުރެއްވިއްޔާ ހިފެހެއްޓޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެކަމުން ރައްޔިތުންގެ ހަރަދުބަރަދަށް ލުއިކަން ލިބި، އާންމު ތިޔާގިކަމަށް މަގުފަހިވާނެ ކަމަށާއި އަދި ކުރިއަށް އޮތް ރަމަޟާން މަހުގައިވެސް، ބާޒާރުގެ އަގުތައް ބޮޑުނުވާނެ ގޮތަށް އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅުއްވަމުން ގެންދަވާ ކަމަށެވެ.