އަމާޒަކީ މި އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 705 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެނދުނު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ އިތުރުވެފައި ކަމަށާއި މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށެވެ.
"މިއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެއް. އުންމީދީ އަންދާޒާއަކީ އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކި ދާއިރާތަކުން ގައުމު ކުރިއަރުވައި ފާގަތި މުސްތަގުބަލެއް ހޯދުމަކީ އެ މަނިކުފާނުގެ އަމާޒު ކަމަށާއި އެގޮތުން ގައުމުގެ އިގުތިސާދީ ހާލަތަށް ބަލާއިރު މިދިޔަ އަހަރަށްވުރެ މިއަހަރު އިގުތިސާދީ ކުރިއެރުން ހަލުއިވާނެ ކަމަށެވެ. އެގޮތުން މިއަހަރު ރާއްޖޭގެ އިގުތިސާދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އިގުތިސާދީ މި އުފާވެރި ނަތީޖާތަކާއެކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައި މިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ވެސް ދިވެހި ދައުލަތާއި ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގުގައި ކޮންމެހެން ކުރަން ޖެހޭކަމެއް. އެކަމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ އަހަރު ވާނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ އެގޮތުން އެޅުނު އެންމެ މުހިންމު ފިޔަވަޅު ކަމަށާއި އެ ބަދަލުތަކުގެ ހެޔޮ އަސަރު ކައިރި މުސްތަގުބަލުގައި ދައުލަތުގެ ރިޒާވަށް ކުރަން ފަށާނެ ކަމަށެވެ.