ޚަބަރު

މޭރީގެ މަރު: ލަމްހާ ބަންދުން ދޫކޮށްލުން ގާނޫނާ ހިލާފު ކަމަށް ހައިކޯޓުން ނިންމައިފި

އިބްރާހިމް ޒަކީ

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ ހަލީމަތު ލަމްހާ، ދެވަނަ ފަހަރަށް ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

ކުރިމިނަލް ކޯޓުން ޝަރުތުތަކަކާ އެކު ލަމްހާ ބަންދުން ދޫކޮށްލުމަށް އަމުރު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ގައެވެ. ކުރިމިނަލް ކޯޓުގެ އެ އަމުރު ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ ނޮވެމްބަރު މަހުގެ 14 ގައެވެ. އެ އިސްތިއުނާފީ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ ނޮވެމްބަރު މަހުގެ 21 ގައެވެ. ހައިކޯޓުގެ ރަޖިސްޓާގެ އެ ނިންމުން މުރާޖައާ ކޮށްދިނުމަށް ދައުލަތުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ނުވައެއްގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެ މައްސަލަ ބެލުމަށްފަހު ނިންމި ނިންމުމުގައި ވަނީ މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ނުވަތަ ރިއާޔަތް ކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށާއި އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށް އަދި ހައްގުތަކެއް ގެއްލި އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާ ބުނުމަކުން އެ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ގާނޫނު ހުއްދަ ކުރާ މިންގަނޑަށް ވާސިލު ނުވެވޭނެ ކަމަށެވެ. އެފަދައިން ބުނާ ކަމުގައިވަނީ ނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފު ކުރާ ފަރާތުން ސާފުކޮށް ބަޔާން ކުރަން ޖެހޭނެ ކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ.

ދައުލަތުގެ ފަރާތުން ހުށަހަޅައިފައިވާ އިސްތިއުނާފީ މައްސަލައިގައި އެކަން ސާފުކޮށް ބަޔާންކޮށްދީފައިނުވާ ކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ. އެހެންވެ މައްސަލަ ކޯޓަށް ބަލައިގަންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމެވިއެވެ.

އެފަހުން ސުޕްރީމް ކޯޓުން މިދިޔަ ޖެނުއަރީ މަހުގެ 15 ގައި ހުކުމްކޮށްފައިވަނީ ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުން ބަލައިނުގަތީ ގޯސްކޮށް ކަމަށެވެ.

އެފަހުން ހައިކޯޓުން މި މައްސަލަ ބަލައިގަނެ މިއަދު ވަނީ ހުކުމްކޮށްފައެވެ. ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ފާތިމަތު ފަރްހީޒާ, ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފަރްހީޒާއެވެ.

މި މައްސަލައިގެ ރައުޔުގައި ފަނޑިޔާރު ފަރްހީޒާ ވިދާޅުވީ މި މައްސަލައިގައި ދެ ފަރާތުން ދައްކައިފައިވާ ވާހަކަތަކުން ސާފުވަނީ މި މައްސަލަ ބިނާވަނީ ކުރިމިނަލް ކޯޓުން ލަމްހާ ގާނޫނާ ހިލާފަށް ބަންދުން ދޫކޮށްލި ކަމަށް ބުނާ ވާހަކަތަކެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ލަންހާ ބަންދުން ދޫކުރުމުގައި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ހިލާފުވެފައިވާ ކަމަށް ދައުލަތުން ފާހަގަކޮށްފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ބަންދު މުރާޖާ ކުރުމުގައި ބަލަންޖެހޭނީ ކުށެއްގެ ތުހުމަތު އޮތުމާއި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް އޮތްތޯ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ކުށުގެ ތުހުމަތެއް އޮތް ކަމަށް ފާހަގަކޮށްފައިވަނީ މަދަނީ މިންގަނޑުން ޝަރީއަތް ކުރެވޭ މިންގަނޑަކީ ތުހުމަތު އުފެދޭ މިންގަނޑަށްވުރެ މަތީ މިންވަރެއް ކަމަށާއި ތުހުމަތުން ނެއްޓޭނީ މައްސަލައިގެ ޝަރީއަތް ނިމުމުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފައިވާ ކަމަށެވެ. މިއީ އިތުރަށް ބަހުސެއް އޮތް ކަމެއް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ލަމްހާ ބަންދުން ދޫކުރުމުގައި ތުހުމަތަށް ބަދަލެއް އައިސްފައިވޭތޯ ދަށު ކޯޓުން ރިއާޔަތްކޮށްފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ލަމްހާ ބަންދުކުރަން ނިންމާފައިވަނީ މުޖުތައުގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކަލެއް ކުރިމަތިވެދާނެތީކަން ފާހަގަކޮށް ފަނޑިޔާރު ވިދާޅުވީ މުޖުތަމައުގެ ނުރައްކަލެއް އޮތީ ކުށް ކުރުމުގައި ބައިވެރިވި ގޮތާއި ކުށުގެ ބާވަތުގެ އިތުރުން ޖަމާއަތް ހަދައިގެން ކުށުގެ އަމަލު ހިންގުމުގެ ސަބަބުން ކަމަށެވެ. ދަށު ކޯޓުގެ ނިންމުމަށް ބަލާއިރު އެ ހާލަތައް ބަދަލެއް އައިސްފައިވޭތޯ ވަޒަން ކުރުމުގައި ހާލަތު ބަދަލުވުމުގެ ސަބަބު ކަމަށް މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވާ ކަންކަމަކީ ކުރިން ވަޒަންކޮށްފައިނުވާ ކުށުގެ ރިކޯޑާއި މުޖުތަމައުގައި އަދާކުރާ ދައުރާ އަދި މައްސަލަ ދިގުލައިގެން ގޮސްފައިވުން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އާންމު އުސޫލުން މީހަކު ބަންދުގައި ބެހެއްޓުމަށް ނެރޭ އަމުރެއްގައި ބަންދުގައި ބަހައްޓަންޖެހޭ ސަބަބުތައް ބިނާކުރާ މާއްދާތަކާއި އަކުރުތައް ބަޔާންކުރުމުގައި ފާހަގަކުރާނީ ބަންދުގައި ބެހެއްޓުމަށް ބާރު އަޅާ ސަބަބުތައް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"އސްތިއުނާފު ރައްދުވާ ފަރާތުގެ ކުށުގެ ރިކޯޑެއް ނެތުމަކީ އެ ފަރާތް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނިންމި އިރު ވެސް ވުޖޫދުގަވާނެ ހާލަތެއް. އަދި ކުރިން ވަޒީފާއެއް އަދާކުރިކަމަށް، ކުށުގެ ތުހުމަތުގެ ފަހުން ވަޒީފާ އަދާނުކުރާކަމީ ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރި އިރު ވެސް އޮތް ހާލަތެއް. އެހެންކަމުން ހާލަތު ބަދަލުވި ގޮތް ވަޒަންކުރުމުގައި މި ކަންކަމަށް ރިއާޔަތްކޮށްފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެން،" ފަނޑިޔާރު ފަރްހީޒާ ވިދާޅުވިއެވެ.

ލަމްހާގެ ބަންދު މުރާޖާކޮށް ނިންމި ގޮތަށް ބަލާއިރު ދަށު ކޯޓުން އެންމެ ބޮޑަށް ރިއާޔަތްކޮށްފައިވަނީ މައްސަލަ ދިގުލައިގެން ދިޔުން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ޝަރީއަތް ލަސްވެފައިވަނީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިން ހާޒިރުނުކުރެވުމުގެ ސަބަބުންނާއި ހެކިން ހާޒިރުކުރުމަށް ނަގާނެ މުއްދަތެއް ވެސް އަންދާޒާ ނުކުރެވޭ ކަމަށް ދަށު ކޯޓަށް ބުރަވެވުމުންނާއި ޝަރީއަތް ލަސްވުމުގެ ސަބަބުން ލަމްހާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތުމުގެ ސަބަބުން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ލަމްހާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ކަނޑައެޅޭނެ އަދަބަކީ ހަ އަހަރު ދުވަހުގެ މުއްދަތައް ޖަލަށްލުން ކަމަށްވާ އިރު، މި މައްސަލައިގައި ލަމްހާ ގާތްގަނޑަކަށް ތިން އަހަރު ބަންދުގައި ހޭދަކޮށްފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ބަންދުމުރާޖާ އާ ކުރަން ކޮންމެ 30 ދުވަހަކުން ލާޒިމު ކުރި ނަމަވެސް 11 މަސް ވަންދެން ދައުލަތުން ލަމްހާގެ ބަންދު މުރާޖާކުރުމަށް ހުށަހަޅައިނުވުމަކީ ވެސް އޭނާ ބަންދުން ދޫކޮށްލި ސަބަބެއް ކަމަށް ދަށު ކޯޓުން ފާހަގަކޮށްފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ނަމަވެސް ބަންދުމުރާޖާ ނުކުރުމަކީ މުޖުތަމައަށް ނުރައްކާވެދާނެ މީހެއް ބަންދު ދޫކުރެވޭނެ ހާލަތެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންވެ ފަނޑިޔާރު ފަރްހީޒާ ރައުޔު ކަނޑައެޅުއްވީ ދަށު ކޯޓުން ލަމްހާ ބަންދުން ދޫކޮށްލީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ހިލާފަށް ކަމަށާއި ދަށު ކޯޓުގެ ނިންމުން ބާތިލު ކަމަށެވެ. އަދި ލަމްހާ، ބަންދު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކުރިމިނަލް ކޯޓަށް މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު ކުރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅަންވާނެ ކަމަށެވެ.

ފަނޑިޔާރު ފަރްހީޒާގެ އެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ވަނީ ތާއީދުކުރައްވައިފައެވެ. އެހެންވެ މި މައްސަލައިގައި ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ފަރްހީޒާ ވިދާޅުވީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލު ކަމަށާއި ލަމްހާ ބަންދުކުރުމަށް ޕީޖީ އޮފީހުގެ ފަރާތުން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމަކާމެދު ގޮތެއް ކަނޑައެޅުމަށް ކުރިމިނަލް ކޯޓުގެ މައްޗަށް ހުކުމްކުރާ ކަމަށެވެ.