ޚަބަރު

ވޭޕް ޖޫރިމަނާގެ ގޮތުގައި މިހާތަނަށް 130،500 ރުފިޔާ ހޯދައިފި

މުހައްމަދު އިޝާން

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން މިހާތަނަށް ވޭޕް ބޭނުންކޮށްގެން ކުރި ޖޫރިމަނާގެ ގޮތުގައި 130،500 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު، ރާއްޖޭގައި ވޭޕާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާއެކު އިލެކްޓްރޯނިކް ސިނގިރޭޓް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާވެފައެވެ.

ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު މަހު 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާކޮށް 60،500 ރުފިޔާ ހޯދާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވޭޕާ ގުޅުންހުރި 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާކޮށް ޖުމުލަ 70،000 ރުފިޔާ ހޯދާފައިވާ ކަމަށްވެސް ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެ ކުރުމަކީވެސް މަނާ ކަމެކެވެ. އެފަދަ ތަކެތި އެތެރެކޮށްފި ނަމަ، 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެގޮތުން ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ނަމަ، އިތުރު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އެފަދަ އުފެއްދުމެއް ރާއްޖޭގައި ބޭނުންކޮށްފި ނަމަ، 5،000 ރުފިޔާއިން އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ވޭޕް ވިއްކާ އަދި ބޭނުންކުރާ މީހުންނަށް ފިޔަވަޅު އަޅައި، ޖޫރިމަނާ މެސެޖު ފޯނަށް ފޮނުވާނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.