ޚަބަރު

ބީއެމްއެލްއިން ގުރައިދޫ ގެއެއް ނީލަމުގައި ވިއްކާލަނީ، ނީލަން ފެށޭ އަގަކީ 920،500 ރުފިޔާ

މުހައްމަދު އިޝާން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކ. ގުރައިދޫގެ ގެއެއް ނީލަމުގައި ވިއްކާލަން ހުޅުވާލައިފިއެވެ.

ބީއެމްއެލުން މިދިޔަ ޖެނުއަރީ މަހުގެ 27 ގައި ކުރި އިއުލާނެއްގައި ބުނީ ނީލަމުގައި ވިއްކާލަން ހުޅުވާލާފައިވަނީ "ވެލި" ނަމަކަށް ކިޔާ ގޯއްޗެއް ކަމަށެވެ. އެ ގޯތީގެ ބޮޑުމިނަކީ 2،000 އަކަފޫޓު ކަމަށެވެ.

އެ ގޯއްޗަކީ މާލެ، ގ. ވިލާ، އަބްދުﷲ ސައީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެކެވެ. އަބްދުﷲ ސައީދު ވަނީ "ވެލި" ގޯތި ރަހުނު ކުރުމަށްފަހު ބީއެމްއެލުން ޑިމާންޑް ލޯނެއް ނަގައިފައެވެ. އެ ލޯނު ނަގައިފައިވަނީ އަބްދުﷲ ސައީދުގެ ކުންފުންޏެއް ކަމަށްވާ އާރަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމުގައެވެ.

އެ ލޯނުގެ ފައިސާ އާރަސް މޯލްޑިވްސްއިން ދައްކަމުން ނުދާތީ، ލޯނުގެ ފައިސާ ހޯދުމަށް، "ވެލި" ގޯތި ވިއްކާލުމުގެ ހުއްދައަށް އެދި ބީއެމްއެލުން ވަނީ ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައެވެ. ލޯނަށް ރަހުނުކޮށްފައިވާ އެ ގޯތި ވިއްކާލުމުގެ ހުއްދަ މެޖިސްޓްރޭޓް ކޯޓުން ވަނީ 18 ނޮވެމްބަރު 2024 ގަ ދީފައެވެ.

އެހެންވެ ބީއެމްއެލުން ވަނީ އެ ގޯތި ނީލަމުގައި ވިއްކާލުމަށް ހުޅުވާލައިފައެވެ.

ގޯތީގެ ނީލަން ފެށޭ އަގަކީ 920،500 ރުފިޔާ ކަމަށާއި ނީލަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމާއަށް ހަމައަށް އޮންނާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. ނީލަން ހުށަހަޅަން ވާނީ ސިޓީ އުރައެއްގައި ކަމަށާއި އެ ސިޓީގެ ބޭރުގައި" 'ވެލި' ކ. ގުރައިދޫ އެވެ ކިޔާ ގޯއްޗާއި ގޯތީގައިވާ އެންމެހާ އިމާރަތްތައް ގަތުމަށް އެދި" ބަޔާންކުރަން ވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އެ ސިޓީ ހުށަހަޅަން ވާނީ ބީއެމްއެލްގެ އޯކިޑް މަގުގައި ހުންނަ އޮފީހުގެ ކައުންޓަރަށް ކަމަށް ބީއެމްއެލުން ބުންޏެވެ.

ނީލަން ހުށަހަޅާ އެންމެ މަތީ އަގު ބޭންކުގެ ވެބްސައިޓުގައި އިއުލާންކުރަމުންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މުއްދަތު ހަމަވާ ތާރީހާ ހަމައަށް ނީލަމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެ ވަގުތު އެ ތަނަށް ގޮސް ތިބި މީހުންގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިއުލާން ކުރާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.