އައިޖީއެމްއެޗު ކައިރީގައި ރޭ ހިންގި މާރާމާރީގެ ތެރެއިން ފުލުހަކަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ކަނބާއައިސަރަނި ހިނގުން، އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި ދިޔަ ދެ މީހަކު ހަމަލާދީ މާރާމާރީ ހިންގި ކަމަށް ރޭ 8:41 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި ހަމަލާދީފައިވަނީ މަރުތޭލަކުން ކަމަށާއި އެ ހަމަލާގައި ދިވެހި ފިރިހެނަކު ޒަހަމުވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
ފުލުހުން މިއަދު ބުނީ އެ މާރާމާރީ ހުއްޓުވުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކަށް ވެސް އަނިޔާވި ކަމަށެވެ.
"މި މާރާމާރީ ހުއްޓުވުމަށް އެތަނުގައި ހަރަކާތްތެރިވި ޕޮލިސް މީހާގެ އޮޅަބޮއްޓަށް އަނިޔާވެފައިވޭ" ފުލުހުން ބުންޏެވެ.
މި މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.