ޚަބަރު

ކެފޭ މާރާމާރީ: ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާދެނީ، އެކެއްގެ ހާލު ސީރިއަސް

މުހައްމަދު އިޝާން

މާލޭގެ ކެފޭއެއްގެ ތެރޭ މިއަދު ހިނގި މާރާމާރީގައި އަނިޔާ ލިބުނު ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު 12:10 އެހާކަންހާއިރު މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގެ ތެރޭ މާރާމާރީއެއް ހިންގި މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެފަހުން ފުލުހުން ބުނީ އެ މާރާމާރީ ހިންގާފައިވަނީ އެ ކެފޭގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ ކައްކާއާއި ބަންގުލަދޭޝްއަށް ނިސްބަތްވާ ހެލްޕަރާ ދެމެދު ކަމަށެވެ.

"ދެ މީހުނަށް ވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. ބަންގުލަދޭޝް މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ" ފުލުހުން ބުންޏެވެ.

ނަމަވެސް އެ ދެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން ބުނީ އެ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.