ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް އެކުލަވާލި 11 މެމްބަރުންގެ ކޮމިޓީގެ މުގައްރިރަކަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، އަދި ނައިބު މުގައްރިރަކަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އައްޔަންކޮށްފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެކުލަވާލި ގަވާއިދު ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު އައްޔަންކޮށްފައިވަނީ ޖަލްސާއަށްފަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ. މުގައްރިރަކަށް ޝަރީފް އަދި ނައިބު މުގައްރިރަކަށް ޝިޔާމް އައްޔަންކޮށްފައިވަނީ ކޮމިޓީ މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުން މިއަދު އެކުލަވާލި 11 މެމްބަރުންގެ ކޮމިޓީއަކީ 30 ދުވަހުގެ ތެރޭގައި މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް ނެގި ކޮމިޓީއެކެވެ. މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ކޮމިޓީ ފާސްކޮށްފައިވަނީ ޖަލްސާގައި ތިއްބެވި 82 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 79 މެންބަރުންގެ އިއްތިފާގުންނެވެ.
މިހާރު އަމަލު ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކީ 2010 ވަނަ އަހަރު، އޭރު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުން އެކުލަވާލައި އަމަލު ކުރަމުންދާ ގަވާއިދެކެވެ.
ކޮންމެ މަޖިލީހަކުން ގަވާއިދު އިސްލާހުކުރަން ކަނޑައަޅާފައި އޮންނައިރު މި ގަވާއިދަށް އަމަލު ކުރަން ނިންމާފައިވަނީ ގަވާއިދު އިސްލާހުވެ ނިމެންދެންނެވެ.
ނަމަވެސް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުންވެސް މި ގަވާއިދު ފާސްކުރުމަށް ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތައް ކުރިއަށް ގެންދިޔައެވެ. އެހެން ނަމަވެސް ގަވާއިދު އިސްލާހުކޮށް ނިންމާފައެއް ނުވެއެވެ.