ޚަބަރު

ކެންސަރުބަލިން ރައްކާތެރިވުމަށް ދުންފަތާ ދުރުވުމަށް ރައީސް އިލްތިމާސްކުރައްވައިފި

ފާތިމަތު ލިޔުޝާ

ކެންސަރުބަލިން ރައްކާތެރިވުމަށް ދުންފަތާ ދުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެ މަނިކުފާނުގެ މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ކަމުގައިވާތީ، ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި މި ނުބައި އާދައިން ދުރުވުމަށް އަޒުމް ކަނޑައަޅަމާތޯ!" ރައީސްގެ ޕޯސްޓްގައި ވެއެވެ.

ކެންސަރު ޖެހެން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ދުންފަތް ބޭނުންކުރުން ކަމަށްވާއިރު ދިވެހީންނަކީ ދުންފަތުން ދުރުހެލިވެފައިވާ ބަޔަކަށް ހެދުމަށް ސަރުކާރުން މި ފަހަކަށް އައިސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެންމެ ފަހުން މިމަހުގެ ދެ ވަނަ ދުވަހު ދުންފަތް އޮޅުމަށް ބޭނުންކުރާ ޕޭޕަރު، ރިޒްލާ ފަދަ އާލާތްތައް ރާއްޖެ އެތެރެކުރުން މަނާކަން ހެލްތު މިނިސްޓްރީން ވަނީ އަންގައިފައެވެ.

ދާދިފަހުން ދުންފަތުގެ ގާނޫނަށް ގެނައި އިސްލާހާއެކު ސިނގިރޭޓުގެ އަގުބޮޑުވުމުން، އެންމެ ޑިމާންޑު ބޮޑުވެފައިވަނީ ދުންފަތް އޮޅައިގެން ނުވަތަ ބިޑި ތައްޔާރުކުރާ އާލާތްތަކަށެވެ. ސަބަބަކީ ސިނގިރޭޓަށްވުރެ އަމިއްލައަށް ތައްޔާރުކުރުމުން، ދާ ހަރަދު ބޮޑުތަނުން ކުޑަވުމެވެ.

މި އަހަރުގެ ދުނިޔޭގެ ކެންސަރު ދުވަހުގެ ޝިއާރު 2025-2027 "ޔުނައިޓަޑް ބައި ޔުނިކް" އެވެ. މި ޝިއާރުން ބުނެދޭ ވާހަކައަކީ ކޮންމެ ބައްޔެއްގެ ފަހަތުގައި ވަނީ ތަފާތު އިންސާނީ ވާހަކައެކެވެ- ހިތާމައާއި ވޭނާއި ޝިފާއާއި ކެތްތެރިކަމާއި ލޯތްބާއި އެނޫންވެސް އެތައް ވާހަކައެކެވެ.

އެހެންވީމާ، ކެންސަރުބައްޔަށް ފަރުވާދިނުމުގައި، ކޮންމެ ފަރުދެއްގެ ވެސް ހާއްސަ ބޭނުންތައް، އޯގާތެރިކަމާއި ހަމްދަރުދީއާއެކު ފުރިހަމައަށް އެކުލެވިގެންވާ، ރައްޔިތުންނަށް އަމާޒުކޮށްގެން، ސިއްހީ ގޮތުން އެންމެ ރަނގަޅު ނަތީޖާއެއް ނެރުމެވެ.