ޚަބަރު

ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ފިހާރައެއްގެ ތެރެއަށް ވަދެއްޖެ

އަލީ އިހްސާން

ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ފިހާރައެއްގެ ތެރެއަށް ވަދެއްޖެއެވެ.

ފުލުހުން ބުނީ މިރޭ ބޮޑުރަސްގެފާނު މަގުން އިރުން ހުޅަނގަށް އަންހެނަކު ކުޑަކުއްޖެއް ގޮވައިގެން ސައިކަލު ދުއްވާފައި ދަނިކޮށް މަގުމަތިން ދިޔަ ކުޑަކުއްޖަކު ސައިކަލު ކުރިމައްޗަށް އެރުމުން އެކުއްޖާއިން ނައްޓާލަން އުޅުމުގެ ތެރޭގައި ކައިރީ ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑުގައި ޖެހި ބިއްލޫރިގަނޑު ތަޅައިގެން ގޮސް ފިހާރަތެރެއަށް ސައިކަލު ވަދެފައިވާ ކަމަށެވެ.

މި މައްސަލަ މިރޭ 8:35 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އަންހެން މީހާ ހޭނެތިގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާ ހޭނެތިފައިވަނީ ލޭފެނިގެން ކަމަށާއި އޭނާއަށް އިތުރު އަނިޔާއެއް ވެފައިނުވާ ކަމަށެވެ. އޭނާގެ ސައިކަލު ފަހަތުގައި އިން ދިހަ އަހަރުގެ އަންހެން ކުއްޖާގެ އަތް ކަފައިގެން ގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 34 އަހަރުގެ އަންހެނަކަށް ކަމަށާއި އޭނާގެ އަތުގައި ލައިސެންސް ނެތް ކަމަށެވެ. މި މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.