ޚަބަރު

އެމްޕީއެލްގެ އެތައް މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލަތަކެއް!

2

އެމްޕީއެލްގެ އެތައް މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ފެންމަތިވެފައިވާ އެއް މައްސަލައަކީ، ބޭރުގެ ބައެއް ކުންފުނިތަކުން ގެނައި އަގު ބޮޑު ބައެއް މުދަލަށް، ދިވެހި ކުންފުންޏަކަށް ފައިސާ ދައްކައި، އެ ދިވެހި ކުންފުނި މެދުވެރިކޮށް އެމްޕީއެލްގެ ބައެއް ވެރީން ބޮޑެތި އަދަދުތަކުން ފައިސާ ނެގި ކަމަށް ތުހުމަތުވާ މައްސަލައެކެވެ.

އިއްޔެ މަގާމުން ވަކިކުރި، އެމްޕީއެލްގެ ކުރީގެ އެމްޑީ، މުހައްމަދު ވަޖީހު އިބްރާހީމަށް ވެސް މި މައްސަލައިގައި ތުހުމަތު ކުރެވޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

"ވަން" އަށް މައުލޫމާތު ދިން މަސްދަރުން ބުނިގޮތުގައި، ބޭރު ކުންފުނިން ގެންނަ މުދަލަށް، ދައްކާން ޖެހޭ ފައިސާ ދިވެހި ކުންފުންޏަކަށް ދައްކާން ބޭރު ކުންފުނިން އަންގާފައިވެއެވެ. އެހެންކަމުން، އެމްޕީއެލްއިން އެ ފައިސާ ދައްކާފައި ވަނީ ދިވެހި ކުންފުންޏަކަށެވެ. މި ދިވެހި ކުންފުނިން އެމްޕީއެލްގެ ބައެއް ވެރިންނަށް ބޮޑެތި އަދަދުތަކުން ނަގުދު ފައިސާ ދީފައިވާކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. މި ދިވެހި ކުންފުންޏަކީ ފައިސާ ލޯންޑާ ކުރުމަށް ބޭނުންކުރަމުން އަންނަ ކުންފުންޏެއް ކަމަށްވެސް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ.

ތުހުމަތު ކުރެވޭ އެއް މައްސަލައިގައި، 24 މިލިއަނުގެ ކޮރަޕްޝަން ހިމެނޭ ކަމަށްވެސް "ވަން" އަށް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ.

މި މައްސަލައިގައި ހިމެނޭ ދިވެހި ކުންފުނީގެ ނަން "ވަން" އަށް ވަނީ ލިބިފައެވެ.

އެމްޕީއެލްއާ ގުޅޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުންދޭތޯ، ފުލުހުންނާ ސުވާލު ކުރުމުން ވިދާޅުވީ، އެފަދަ މައްސަލައެއް ތަހުގީގު ކުރަމުން ނުދާކަމަށެވެ. އަދި އެމްޑީކަމުގެ މަގާމުން ވަކި ކުރި ވަޖީހަށް މެސެޖުކޮށް ސުވާލު ކުރުމުން ވިދާޅުވީ އެފަދަ ކަމެއް އެނގިވަޑައިގެންފައި ނުވާކަމަށެވެ.

މި ފަދަ އެއްވެސް މައްސަލައެއް ތަހުގީގު ކުރޭތޯ އެމްޕީއެލްގެ މީޑިއާއާ ސުވާލު ކުރުމުން ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟