ޚަބަރު

އުރީދޫއަށް މިދިޔަ އަހަރު 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް

އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އުރީދޫން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު 2.2 ބިލިއަން ރުފިޔާއަކީ 2023 ވަނަ އަހަރު ލިބުނު ދެ ބިލިއަން ރުފިޔާގެ އާމްދަނީއަށްވުރެ ފަސް ޕަސެންޓުގެ އިތުރު އަދަދެކެވެ.

އުރީދޫން މިދިޔަ އަހަރު ހިންގުމުގެ ހަރަދަށް އެއް ބިލިއަން ރުފިޔާ ހޭދަކުރި އިރު، ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ލިބިފައިވަނީ 809 މިލިއަން ރުފިޔާ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 684 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުން ޑިސެމްބަރަށް ހިނގާ ހަތަރުވަނަ ކުއާޓަރުގެ އުރީދޫގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި އެ ކުއާޓަރުގައި ލިބިފައިވަނީ 564 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާރުގައި ލިބުނު 544 މިލިއަން ރުފިޔާއަށްވުރެ 3.6 ޕަސެންޓް އިތުރުވުމެކެވެ.

ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 181 މިލިއަން ރުފިޔާއެވެ. އެއީ އެ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅައި ބަލާއިރު 8 ޕަސެންޓުގެ ކުރިއެރުމެކެވެ.