ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ގުޅޭ އިންގިލާބީ ބަދަލަކަށް ދިއުމަށް އެކަމާ ގުޅޭ ގޮތުން ހަދަންޖެހޭ އުސޫލުތައް ކަނޑައެޅުމަށް ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިއަދު ހެނދުނު އެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖީލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ (އައިސީޓީ) ދާއިރާގެ ހިއްސާވާ މިންވަރު މަތިކޮށް އަދި ޑިޖިޓަލް އިގުތިސޯދީ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަށާއި ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ، މިހާރަށް ވުރެ ހަލުވި ދުވެލީގައި ހާސިލުކުރަން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަދި އައިސީޓީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުގެ ޓެކްނޮލޮޖީގެ އަލީގައި ދައުލަތުގެ ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތްތައް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން ގައުމީ ފެންވަރުގައި ހިންގާ ޑިޖިޓަލް ޓްރާންސްފޮމޭޝަނުގެ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ގާނޫނުތަކާއި އޮނިގަނޑު ފުރިހަމަކުރުމާއި އިގުތިސޯދެއް ބިނާކުރުމަށް ފަހި އިދާރީ ހިންގުމުގެ އޮނިގަނޑެއް އައިސީޓީ ދާއިރާއިން ގާއިމުކުރުމަށް ވަނީ ނިންމައިފައެވެ. އަދި ދައުލަތުގެ އިދާރާތަކުގައި އެއްކުރެވިފައިވާ މައުލޫމާތާއި ޑޭޓާ، ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިން ކްލައުޑް ގާއިމުކުރުމަށާއި ޑޭޓާ ސެންޓަރުގެ ވަސީލަތްތައް ފުޅާކުރުމާއި ޑިޖިޓަލް އަރުޝީފުގެ ނިޒާމު ހަރުދަނާ ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
ރައީސް އޮފީހުން ބުނީ އެކަންކަން ކުރުމަށް ޓައިމްލައިންތައް ކަނޑައަޅައި އެ ލަނޑުދަނޑިއަށް ވާސިލުވާނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށެވެ.
އެސްޓޯނިއާގެ ރައީސް އަލާރް ކަރިސްގެ ދައުވަތަކަށް މިދިޔަ މަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ވެސް ޑިޖިޓަލް އިނޮވޭޝަން، ސައިބާ ސެކިއުޓީ، އީ-ގަވަނަންސް ފަދަ ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެ އާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކޮށް އިލްމު ހިއްސާކުރުމުގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.