ޔޫއެފާ ޗެމްޕިއަންސް ލީގު

ސިޓީއަށް ޔޫރަޕްގެ ކޮންމެ ޓީމެއްވެސް ބަލިކުރެވޭނެ: އަކާންޖީ

މެންޗެސްޓާ ސިޓީއަށް ޔޫރަޕްގެ ކޮންމެ ޓީމަށްވެސް ބަލިކުރެވިދާނެ ކަމަށް ޑިފެންޑަރު މެނުއަލް އަކާންޖީ ބުނެފިއެވެ.

މިހާތަނަށް މި ސީޒަނުގައި ސިޓީ ފެނުނީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. ހާއްސަކޮށް ޔޫރަޕްގައި އެޓީމަށް ވަނީ މައްސަލަތަކާ ކުރިމަތިވެފައެވެ. އާ ފޯމެޓަކަށް ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރު ކުޅެފައިވާ އިރު، ސިޓީއަށް ގަދަ 16 ގެ ޕްލޭ އޮފްއަށް ކޮލިފައިވެވުނީވެސް ކިރިޔާއެވެ. އެއީ މޮޅުވާން މަޖުބޫރުވެފައި އޮވެގެން އެންމެ ފަހު މެޗުގައި ކްލަބު ބްރޫޖާ ދެކޮޅަށް ނުކުމެ، 3-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

އެ ހާލަތުގައި ޕްލޭ އޮފްއަށް ގޮސް، ގުރުން ދިމާވީ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުތުމަށެވެ. ރެއާލާ ދެކޮޅަށް ޕްލޭ އޮފް ދެ މެޗު ކުޅެން ޖެހުމުން ސިޓީއަށް ޕްރެޝަރާ ކުރިމަތިވެފައިވާ އިރު، އަކާންޖީ ބުނީ ޕްލޭ އޮފްއަށް ފުރުސަތު ލިބުމަކީވެސް އުފާކުރާ ކަމެއް ކަމަށެވެ.

"ޕްލޭ އޮފްގެ ފުރުސަތު ލިބުމަކީވެސް އުފަލެއް. ގަބޫލުކުރަން ސިޓީން ބޭނުންވާ ސީދާ ގަދަ އަށެއްގައި ހިމެނުމަށް ކަމަށް. އެއީ ބަޔާނާއި ރެއާލް ކަހަލަ ޓީމުތަކަކީ އެއްވެސް ޓީމަކުން އިދިކޮޅަށް ނުކުންނަން ބޭނުންވާނެ ޓީމުތަކެއް ނޫން. އެއީ ޗެލެންޖެއް ނަމަވެސް، ސިޓީއަށް ޔޫރަޕްގެ ކޮންމެ ޓީމެއްވެސް ބަލިކުރެވިދާނެ،" އުމުރުން 29 އަހަރުގެ އަކާންޖީ ބުންޏެވެ.

ސިޓީގެ ފަރާތުން އާއްމުކޮށް ނުފެންނަ ނަތީޖާތައްވެސް މިފަހަރު ޗެމްޕިއަންސް ލީގުގައި ފެނިގެން ދިޔައެވެ. ފެޔެނޫޑް ކައިރިން ތިން ގޯލުގެ ލީޑެއް ގެއްލުވާލައި، 3-3 އިން އެއްވަރުވި އިރު، 2-0 ގެ ނަތީޖާއަކުން ކުރީގައި އޮތް މެޗެއްގައި ޕީއެސްޖީ ކައިރިން 4-2 އިން ބަލިވެސް ވިއެވެ.

އޭގެ ކުރިން ސްޕޯޓިން ލިސްބަންއާއި ޔުވެންޓަސް ކައިރިންވެސް ސިޓީ ބަލިވި އިރު، އަކާންޖީ ބުނީ އެއީ އުންމީދު ނުކުރާ ދަށް ނަތީޖާތަކެއް ކަމަށާއި އެ ހާލަތަށް ކުރިން ދިޔަ ނަމަވެސް، އުންމީދު ބޮޑު ކަމަށެވެ.