ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ)ގެ ވަކީލު މައްސަލައިން ތަނާޒުލްވެފައިވާ ކަމަށް މަމްދޫހު ބުނެފިއެވެ.
ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުވެސް ކުރާ މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ 100 އަށްވުރެ ގިނަ ދައުވާ ކުރުމަށް 23 ޑިސެމްބަރު 2023 ގައި ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ.
މަންޑޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޓެކުމުގެ 50 ދައުވާއާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ވަނީ އެ މައްސަލައިގެ ޝަރީއަތް ފަށައިފައެވެ. މިއަދުގެ އަޑުއެހުމުގައި މަންޑޭ ވަކީލަކާއެކު ހާޒިރު ވެފައިނުވާތީ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ އެކަމާ މަންޑޭއާ ސުވާލުކުރައްވައިފައެވެ. އެގޮތުން މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ ނުލައި އަމިއްލައަށްތޯ ގާޒީ ސުވާލުކުރެއްވިއެވެ. ޖަވާބުގައި މަންޑޭ ބުނީ މި މައްސަލައިން ވަކީލު ވަކިވެފައިވާ ކަމަށެވެ.
އިތުރު ވަކީލަކު އައްޔަން ކުރެއްވުމަށް މަސައްކަތް ކުރަމުންނުދާތޯ ގާޒީ ސުވާލުކުރެއްވުމުން މަންޑޭ ބުނީ މާލީ ތަނަވަސްކަން ނެތުމުން ވަކީލަކު ހޯދުމަށް އުނދަގޫވެފައިވާ ކަމަށެވެ. ނަމަވެސް ވަކީލަކާ ވާހަކަދައްކަމުންދާ ކަމަށް ބުންޏެވެ. މާލީ ތަނަވަސްކަން ނެތި ވަކީލަކު އައްޔަންކުރައްވަނީ ކިހިނެއްތޯ ގާޒީ ސުވާލު ކުރެއްވުމުން މަންޑޭ ބުނީ އާއިލާ އިން ވަކީލަކާ ވާހަކަދައްކަމުންދާ ކަމަށެވެ.
މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް މަންޑޭ ބުނުމުން ގާޒީ ވިދާޅުވީ ވަކީލަކު އައްޔަން ކުރެވިފައިނުވިޔަސް ޝަރީއަތް ކެންސަލް ނުކުރެވޭނެ ކަމަށެވެ. އަދި ވަކީލަކު އައްޔަންކުރުމަކީ މަންޑޭގެ ޒިންމާއެއް ކަމަށާއި މިއަދު އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެކަން އަންގައި ދުރާލާއި ޗިޓް ފޮނުވާފައިވާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
އެއަށްފަހު ގާޒީ ވަނީ އިފުތިތާހު ބަޔާން ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ދެއްވައިފައެވެ. ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް އިފުތިތާހީ ބަޔާން ހުށަހަޅުއްވަމުން ވިދާޅުވީ ކޭ ޕާކް ރެސިޑެންސްގެ އެޕާޓްމެންޓް ވިއްކުމުގައި މަންޑޭ ވަނީ އޮޅުވާލުންތަކެއް ހިންގާފައި ކަމަށެވެ. އެގޮތުން އެއް އެޕާޓްމެންޓެއް ތިން މީހަކަށް ވިއްކައިފައިވާއިރު އެ އެޕާޓްމެންޓް ދެވަނަ ފަރާތަށާއި ތިންވަނަ ފަރާތަށް ވިއްކާފައިވަނީ ފުރަތަމަ ފަހަރަށް ވިއްކި މީހާއަށް ނާންގައި ކަމަށް ވިދާޅުވިއެވެ.
ނައުފަލް ވިދާޅުވީ އެޕާޓްމެންޓް ވިއްކައިގެން ލިބުނު ފައިސާ މަންޑޭ، އޭނާގެ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން ދައުލަތުން ސާބިތުކޮށްދޭނެ ކަމަށެވެ. އެ ފައިސާ ޖަމާވެފައިވަނީ ހަންބޯ މޯލްޑިވްސްގެ އެކައުންޓަށް ކަމަށާއި އެ އެކައުންޓަކީ މަންޑޭއާއި މި މައްސަލައިގައި ދެން ދައުވާކޮށްފައިވާ ޖައިޝަން ސައީދުގެ ބާރުގެ ދަށުގައި އޮތް އެކައުންޓެއްކަން ސާބިތުކޮށްދޭނެ ކަމަށްވެސް ނައުފަލް ބުންޏެވެ.
ދައުލަތުން އިފުތިތާހީ ބަޔާން ހުށަހަޅައި ނިމުމުން، ގާޒީ ވަނީ އެއަށް ރައްދު ދިނުމުގެ ފުރުސަތު މަންޑޭއަށް ދީފައެވެ. މަންޑޭ ފުރަތަމަ ބުނީ އޭނާ ވާހަކަދައްކަން ބޭނުންވަނީ ވަކީލަކާއެކު ކަމަށެވެ. ނަމަވެސް ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ކޯޓުން ދިން ކަމަށާއި އެހެންކަމުން ދެން މި މަރުހަލާގައި އަޑުއެހުން ކެންސަލް ނުކުރާނެ ކަމަށް ވަކީލު ވިދާޅުވުމުން މަންޑޭ ބުނީ ދައުވާއަށް އިންކާރުކުރާ ކަމަށާއި ދައުވާއަށް އިންކާރުކުރަނީ މިއީ ފުރިހަމަ ނޫން ތަހުގީގެއްގެ މައްޗަށް ކުރާ ދައުވާއަކަށްވާތީ ކަމަށެވެ.
މަންޑޭ ބުނީ ފުލުހުން މި މައްސަލައިގެ ތަހުގީގު ހިންގާފައިވަނީ ވަކި ފަރާތަކަށް ބުރަވެ ކަމަށާއި އޭނާ އެ މައްސަލައާ ގުޅިގެން ތަހުގީގަށް ބަޔާނެއްވެސް ދީފައިނުވާނެ ކަމަށެވެ.
އެއަށްފަހު ދެން މި މައްސަލައިގެ ހިމެނޭ ޖައިޝަންގެ ވަކީލު މުސްތަފާ ހަމީދު ވިދާޅުވީ، އޭނާގެ މުވައްކިލު ޖައިޝަންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ފުރިހަމަ ނޫން ތަހުގީގަކަށް ބިނާކޮށް ކަމަށެވެ. ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުގައި ޖައިޝަންގެ ވަޒީފާގެ މަސްއޫލިއްޔަތެއް ނެތް ކަމަށާއި ވަޒީފާގެ މަސްއޫލިއްޔަތާ ހިލާފަށް ޖައިޝަން ކުރި ކަމެއް ވެސް ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުން ނޭނގޭ ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި ހަންބޯ މޯލްޑިވްސް ކުންފުނީގެ އޮޑިޓް ރިޕޯޓެއްވެސް ގެއްލުނު ފައިސާގެ ތަފުސީލެއް ވެސް ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުން ސާފުނުވާ ކަމަށްވެސް ވިދާޅުވިއެވެ.
މައްސަލަ ރައްދުވާ ދެ ފަރާތުން އިފުތިތާހީ ބަޔާނަށް ރައްދު ދިނުމުން ގާޒީ ވިދާޅުވީ ދެން ކުރިއަށް ގެންދާނީ ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނެގުމުގެ ބައި ކަމަށެވެ. އެގޮތުން މި މަހު 19 އިން 26 އަށް ކޮންމެ ދުވަހަކު މި މައްސަލަ ތާވަލުކޮށް ހަތް ހެއްކެއްގެ ހެކިބަސް ކޮންމެ ދުވަހަކު ނަގާނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންކަމުން ހެކިވެރިންނަށް ކޯޓަށް އާދެވޭނެކަން ކަށަވަރުކުރުމަށް ގާޒީ ވަނީ ދައުލަތަށް އަންގައިފައެވެ.
ގާޒީ އިތުރަށް ވިދާޅުވީ މި މައްސަލައިގެ ދެން ބާއްވާ އަޑުއެހުންތަކަށް ވަކީލަކާއެކު މަންޑޭއަށް ހާޒިރުވެވިދާނެ ކަމަށެވެ. ނަމަވެސް ވަކީލަކު އައްޔަން ނުކުރެވުނަސް ޝަރީއަތް ކެންސަލް ނުކުރައްވާނެ ކަމަށާއި ޝަރީއަތް ތާވަލުކޮށްފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ޕީޖީ އޮފީހުން 23 ޑިސެމްބަރު 2023 ބުނެފައިވަނީ މަންޑޭގެ މައްޗަށް މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 95 ޕަސަންޓު ހިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްހަ ނޫން ސޮއިކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ހުށަހަޅާފައިވާތީ ކަމަށެވެ.
ޓެކުމާއި ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާތައް މަންޑޭގެ މައްޗަށް ކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި 110 އެޕާޓްމަންޓް ހިމެނޭ ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް ފަށައި، އެ ޕްރޮޖެކެޓް ހިންގާކަން އާންމުކޮށް އިއުލާނުކޮށް، އާންމުންނަށް މި އެޕާޓްމަންޓްތައް ވިއްކި އިރު، އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެމީހުންގެ އަތުން ފައިސާ ޓަކައިގަނެފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އަދި އޮޅުވާލުމުގެ ދައުވާކޮށްފައިވަނީ އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކި އިރު، އެކަން އެޕާޓްމަންޓް ގަތް މީހުންނަށް އޮޅުވާލާފައިވާތީ ކަމަށެވެ.
މަނީ ލޯންޑްރިން އާއި މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ މަންޑޭގެ މައްޗަށް ކުރީ ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ގަތުމަށް ބޭނުންވާ ފަރާތްތަކާއި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ސޮއިކުރާ އެއްބަސްވުންތަކުގައި އެ އެއްބަސްވުންތަކުގެ ދަށުން ފައިސާ ދައްކާނީ ނަގުދު ފައިސާއިން ނުވަތަ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވި ބޭންކް އެކައުންޓަށްކަމަށް ބަޔާންކޮށް، ކޭ-ޕާކް ރެޒިޑެންސްގެ އެއް އެޕާޓްމަންޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެ މީހުންގެ އަތުން އެޕާޓްމަންޓަށާއި، ކާރު-ޕާކިންއަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ފައިސާ އަތުލައި، ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ވިއްކާކަމަށް ބުނެ އެކި މީހުންނާއެކު އެއްބަސްވިގޮތަށް އެކަން ކޮށްނުދީ، ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް އެކި ފަރާތްތަކުން އެޕާޓްމަންޓް ގަތުމަށް ފޮނުވާފައިވާ ފައިސާއާއި، ގޮތް ނޭނގޭ އެކި ގޮތްގޮތަށާއި، ނަގުދު ފައިސާ ޑިޕޮސިޓް ކޮށްގެން އެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއާ އެއްކޮށްގެން އެ އެކައުންޓް މަންޑޭ ބޭނުންކުރަމުން އައިސް، އެ އެކައުންޓްގައިވާ ފައިސާއިން ހުޅުމާލޭގައި އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ތަރައްގީކޮށްފައިވާ އެފް.ޑަބްލިއު ރެޒިޑެންސްގެ އެޕާޓްމަންޓެއް ގަނެފައިވުމުން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އެ ދައުވާތައް ސާބިތުވެއްޖެނަމަ މަންޑޭގެ މައްޗަށް 40 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީން ބުނެފައިވެއެވެ.
މި މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވަނީ މަންޑޭގެ މުދާތަށް މުއްދަތެއް ނެތް ގޮތަށް ފުލުހުންނާއި ހަވާލުކުރުމަށް އަމުރުކޮށްފައެވެ. ގާޒީ އެ އަމުރުކުރެއްވީ 14 ނޮވެމްބަރު 2024 ގަ އެވެ.
މި މައްސަލައާ ގުޅިގެން މަންޑޭގެ ވަކީލަކީ އެންވަޔަރުމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރަގީބް އަހުމަދެވެ. އޭނާ ފަހުން ވަނީ މައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ.