ޚަބަރު

ދިރާގަށް މިދިޔަ އަހަރު 2.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް، ސާފު ފައިދާގެ ގޮތުގައި 945 މިލިއަން ރުފިޔާ

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 945 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ދިރާގުން މިދިޔަ ހުކުރު ދުވަހު އާންމުކޮށްފައިވާ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ އަހަރު ލިބުނު 945 މިލިއަން ރުފިޔާގެ ސާފު ފައިދާއަކީ 2023 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 896 މިލިއަން ރުފިޔާއާ އަޅައި ބަލާއިރު 5.5 ޕަސެންޓުގެ އިތުރުވުމެކެވެ.

ދިރާގަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ 2023 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ 5.8 ޕަސެންޓް އިތުރު އަދަދެކެވެ. ދިރާގަށް 2023 ވަނަ އަހަރު ލިބުނީ 2.6 ބިލިއަން ރުފިޔާއެވެ. އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 1.1 ބިލިޔަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުން ޑިސެމްބަރަށް ހިނގާ ހަތަރުވަނަ ކުއާޓަރުގެ ދިރާގުގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި އެ ކުއާޓަރުގައި 710 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާރުގައި ލިބުނު 691 މިލިއަން ރުފިޔާއަށްވުރެ 2.7 ޕަސެންޓް އިތުރުވުމެކެވެ.

ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދިރާގަށް ލިބުނީ 246 މިލިއަން ރުފިޔާއެވެ. އެއީ އެ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅައި ބަލާއިރު ދެ ޕަސެންޓުގެ ކުރިއެރުމެކެވެ.