ޚަބަރު

ކިލޯއެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު މާލޭން މީހަކު ހައްޔަރުކޮށްފި

ފާތިމަތު ލިޔުޝާ

ކިލޯއެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ޕޮލިސް މީޑިއާއިން މިއަދު ބުނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކުރި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގ. ޖޫތީގެ. ހަސަން ނަޒީޙް (32އ) ކަމަށް ފުލުހުން ބުނެއެވެ.

އެ އޮޕަރޭޝަން ކުރިޔަށްގެންދިޔައީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކަމަށާއި އެ އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް، އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ދެ ގެއެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ތަކެތީގެ ވަގުތީ ބަރުދަން 1 ކިލޯއަށްވުރެ ގިނަވާނެ ކަމަށާއި އެ މައްސަލައާ ގުޅިގެން ނަޒީހުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކުރި ކަމަށް ފުލުހުން ބުންޏެވެ.