ވާނުވާ ނުވަތަ ޝަރީއަތް ނިމެންދެން ބަންދުކުރުމާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ޝަރުއީ ކޯޓުތައް ފިޔަވައި، ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކެއް ހިމެނޭ ގޮތަށް، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކުރިއަށްގެންދިޔަ "ބަންދު ފޯރަމް" ނިންމާލައިފިއެވެ.
ޕީޖީ އޮފީހުން އިއްޔެ ބުނީ އެފަދަ ފޯރަމެއް ބޭއްވުމުގެ މަގުސަދަކީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގެ ޝަރުތުތައް މުރާޖައާކޮށް މުތާލިއާކުރުމުގައި، ގެންގުޅޭނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގައި ޖިނާއި ނިޒާމު މިހާރަށްވުރެ ފުރިހަމަކޮށް، ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ހައްގުތަކާއި މުޖުތަމައުގެ ހައްގުތައް ރައްކާތެރިކޮށް އެއްހަމަ ކުރެވޭނެ ގޮތަކަށް ޖިނާއީ އަދަލުގެ ނިޒާމު ބަދަލުކުރުން ކަމަށެވެ.
"އަދި ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭގޮތުން ވަކިވަކި އިދާރާތަކަށް ކުރިމަތިވާ މައްސަލަތައް ދެނެގަތުމެވެ. އަދި އެ ކަންކަމަށް އޮތް ހައްލު ހުރިހާ އިދާރާތައް ގުޅިގެން ދެނެގަތުމެވެ" ޕީޖީ އޮފީހުން ބުންޏެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ބަދަލުގައި، އެޅިދާނެ އެހެން ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް އެޅުމަށް މިހާރު އޮތް ގާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތަކާއި، މޮނިޓަރިން މެކޭނިޒަމެއް ތަންފީޒުކުރުމަށް ތަންފީޒީ އިދާރާތަކުން ތައްޔާރުވެފައިވާ މިންވަރާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށްގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި، ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކާމެދު މަޝްވަރާކޮށްފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށްގެންދިއުމަށް ކޯޓުތަކަށް އިތުރަށް ފަހިކޮށްދިނުމަށްޓަކައި، ބަންދުގައި ތިބޭ މީހުން ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ޝަރީއަތް ކުރިއަށްގެންދިއުމުގެ ވަސީލަތް އިތުރު ކުރުމަށް ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މީހުންގެ ތެރެއިން ރިމާންޑް ޖަލުތަކަށް ބަދަލުކުރަން ޖެހި، ބަދަލު ނުކުރެވިވާ ފަރާތްތަކަށް، ކަސްޓޯޑިއަލް ޖަލުގައި ރިމާންޑް ޖަލެކޭ އެއްފެންވަރަކަށް ހިދުމަތް ދިނުމާ ގުޅޭގޮތުން ވެސް ބަންދު ފޯރަމުގައި މަޝްވަރާކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އެ ފޯރަމުގައި ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ ބިދޭސީންގެ މައުލޫމާތު މޯލްޑިވްސް އިމިގްރޭޝަނާ ހިއްސދާކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ނިންމައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ޝަރީއަތް ނިމެންދެން ބަންދުކުރާ ބިދޭސީންގެ މައުލޫމާތު އިމިގްރޭޝަނާ ގަވާއިދުން ހިއްސާކުރާ ގޮތަށް ވެސް ނިންމައިފައި ކަމަށެވެ.
ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ ދެ ހިދުމަތެއްނަމަވެސް، އެއް ކުޑައިގެ ދަށުން މަސައްކަތްކުރާ ދެ އިދާރާކަމުން، ބަންދުގައި ބަހައްޓާ މީހުންގެ ކަންކަމުގައި އެއް އިދާރާ އަނެއް އިދާރާއާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.