ޚަބަރު

އަހަރުގެ ފުރަތަމަ މަހު 200،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް

މިދިޔަ ޖެނުއަރީ މަހު އެކަނިވެސް 200،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 193،175 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރީ، 192،385 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެވްރެޖުކޮށް ކޮންމެ މިދިޔަ ޖެނުއަރީ މަހުގެ ކޮންމެ ދުވަހަކު ރާއްޖެއަށް 6،899 ފަތުރުވެރިން އައިސްފައިވެއެވެ.

މިދިޔަ މަހުވެސް އެންމެ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެގޮތުން ބުދަ ދުވަހުގެ ނިޔަލަށް އެ ގައުމުން ވަނީ 29،397 ފަތުވެރިން ރާއްޖެ އައިސްފައެވެ. ދެ ވަނައިގައި 20،291 ފަތުރުވެރިންނާ އެކު ރަޝިއާ އޮތްއިރު ތިން ވަނައިގައި 18،779 ފަތުރުވެރިންނާއެކު އޮތީ އިޓަލީއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދިހަ ގައުމުގެ ތެރޭގައި އަލަށް ހިމެނިފައިވަނީ ޕޮލެންޑާއި ސައުތް ކޮރެއާއެވެ. އެގޮތުން ޕޮލެންޑުން 4،000 އަށް ވުރެ ގިނަ ފަތުރުވެރިން މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރި އިރު ސައުތް ކޮރެއާއިން ރާއްޖެއަށް ވަނީ 3،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.

ސަރަހައްދީ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިދިޔަ މަހުވެސް އައީ އިންޑިއާއިންނެވެ. އެ ގައުމުން ވަނީ މިދިޔަ މަހު ރާއްޖެއަށް 9،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ މިދިޔަ މަހު ފަސް ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ގައުމެވެ.

މިދިޔަ މަހު ރާއްޖޭގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 70 ޕަސަންޓް ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. މިއީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު ތިން ޕަސަންޓުގެ ކުރިއެރުމެކެވެ.