ޚަބަރު

ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި

ހދ. ހިރިމަރަދޫ ރައްޔިތުން އެއަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން އެދުނު ގޮތަށް، އެރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ހިރިމަރަދޫ ކައުންސިލްގެ މެންބަރު އަހުމަދު ޝަރީފް "ވަން" އަށް މީގެ ކުރިން ވިދާޅުވި ގޮތުގައި އެ ރަށުގެ ރަޖިސްޓްރީގައި 589 މީހުން ތިބި އިރު ރަށުގައި ދިރިއުޅެނީ 300 އެއްހާ މީހުން ކަމަށެވެ. އަދި ހިދުމަތްތައް ފަސޭހައިން ލިބޭ ރަށަކަށް ބަދަލުވުމަށް ރަށުގެ ގިނަ ރައްޔިތުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށުގެ ގިނަ ރައްޔިތުން ބޭނުންވަނީ ތުލުސްދޫއަށް ބަދަލުވާން ކަމަށާއި އެއީ މާލެއާ ކައިރިވެފައި ހިދުމަތްތައް ފަސޭހައިން ލިބޭނެތީ ކަމަށެވެ. އަދި ހއ. ދިއްދޫ އާއި ހަނިމާދުއަށް ވެސް ބަދަލުވާން ބައެއް ރައްޔިތުން ބޭނުންވާކަން ފާހަގަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އެހެން ރަށަކަށް ބަދަލުވި ނަމަވެސް ރަށުގެ ރައްޔިތުންގެ ޑިމާންޑަކީ ގޯއްޗެއް ނުވަތަ ގެއެއް ދިނުން ކަމަށެވެ. އަދިވެސް އެ ނޫން ބައެއް ޑިމާންޑްތައް ވެސް ހުރިކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.