ލައިފް ސްޓައިލް

ތެރަޕިއުޓިކް ލޭޒިނެސް: މިދިޔަ އަހަރު އާންމުވި، އަމިއްލަ ނަފުސަށް އެހީތެރިވުމުގެ ތަފާތު ޓްރެންޑެއް

އަމިއްލަ ނަފުސަށް އަޅައިލުމާއި ރީޖްނުވޭޝަން ކުށްވެރިވުމަކީ 2023 ވަނަ އަހަރުގެ ކަމެކެވެ. ދުނިޔޭގެ ޓްރެންޑް ފޯކާސްޓިން ކުންފުންޏެއް ކަމުގައިވާ ޑަބްލިއުޖީއެސްއެން އިން ރިޕޯޓުކުރާ ގޮތުގައި، އަމިއްލަ ނަފުސަށް އަޅައިލުމުގެ އާ ޓްރެންޑެއް ކަމުގައިވާ 'ތެރަޕިއުޓިކް ލޭޒީނެސް' ވަނީ މި ދިޔަ އަހަރު، އުފެދިފައެވެ.

މިހާރު ބައެއް މީހުނަށް ހީވެފައި އޮންނަނީ އެންމެ މޮޅު ދިރިއުޅުމަކީ ބުރަކޮށް، އަރާމުކުރުމެއް ނެތި މަސައްކަތްކުރުން ކަމަށެވެ. އަރާމު ކުރާނީ ފަހުންނެވެ. މިހާރު އޮތީ ކާމިޔާބީ ހޯދަން ރެޔާއި ދުވާލު މަސައްކަތް ކުރުމެވެ. މިއީ ކާމިޔާބު މޮޑެލެއް ގޮތުގައި ޕްރޮމޯޓުކުރާ މީހުން މަދެއް ނޫނެވެ.

އެހެން ނަމަވެސް، 2024 ނިމިގެން ދިޔައިރު، ތަފާތު ޓްރެންޑެއް މި ވަނީ ފެނިފައެވެ. އަރާމު ކުރުމުގެ މުހިންމުކަމެވެ. އަބަދު ސިކުނޑިއަށް ޕްރެޝަރު ނުދިނުމުގެ މުހިންމު ކަމެވެ. ވަކި ހާއްސަ މަގުސަދެއް، ނެތަސް، އެނދުގައި އޮށޯވެ، ލޯ މަރާލައިގެން އޮވެ އަރާމު ކޮށްލުމުގެ މުހިންމުކަމެވެ. އެކަންކަމުން ލިއްބައިދޭ ފައިދާގެ ފުޅާކަމެވެ.

އަރާމުކުރުން ބަލައިގަތުން

މި މުޅި ހިޔާލުގެ އެންމެ މުހިންމު ބަޔަކީ ތިބާގެ ނިދުމަށް އިސްކަންދީ، އިތުރަށް އަރާމުކުރުމެވެ. އެނދުތައް ބަދަލުވެގެންދާނީ އަމިއްލަ ނަފުސަށް އަޅައިލުމާއި ދުޅަހެޔޮކަން ގެނެސްދޭ ތަނަކަށެވެ.

ކޮންސަލްޓަންޓް ސައިކިއޭޓްރިސްޓް ޑރ. އަނިލް ކުމާރު ބުނެފައިވާ ގޮތުގައި އަމިއްލަ ނަފުސަށް އަޅައިލުމުގެ ތެރޭގައި ހިމެނޭ މެޑިޓޭޝަން، ކަސްރަތު ނުވަތަ ސްޕާ ފަރުވާތަކާ ޚިލާފަށް، ތެރަޕިއުޓިކް ލޭޒިނެސް އަމާޒުކުރަނީ ގަސްތުގައި އެއްވެސް ކަމެއް ނުކުރުމަށެވެ. މިއީ ނަފުސާނީ އަދި ޖިސްމާނީގޮތުން އަލުން ރީސެޓް ވުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމުގެ ފުރުސަތު ދިނުމެވެ. ވަކީން ހާއްސަކޮށް ބުރަބޮޑުވުމާއި ދިގު މުއްދަތުގެ ނަފުސާނީ ބަލިތައް މަދުކުރުމަށް މި އާދައިން އެހީތެރިވެދެއެވެ. އެއީ ނާރުތަކުގެ ނިޒާމަށް އަބަދު ސްޓިމިއުލޭޓްވުމަށް ހުސްކަމެއް ދޭތީއެވެ.

އޭނާ އިތުރަށް ބުނިގޮތުގައި އަރާމުކުރުން ބަލައިގަތުމުން، ހަށިގަނޑަށް ކޯޓިސޯލް ފަދަ ނަފުސާނީ ބާރު ކުޑަކުރާ ހޯމޯނުތައް ބެލެހެއްޓުމާއި، ނިދުމުގެ ފެންވަރު ރަނގަޅުކުރުމާއި، ހަކަތަ އަލުން އާކުރުމަށް މަގުފަހިވެ، އެންމެ ފަހުން ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުވެގެންދެއެވެ.

އިތުރަށް އުފެއްދުންތެރި ވިސްނުމެއް

މިއަދުގެ ދުނިޔޭގައި، ކާމިޔާބީ ގިނަ ފަހަރަށް ގުޅުވަނީ އަބަދުވެސް އުފެއްދުންތެރިކަމާ އެކުގައެވެ. މިފަދަ މާހައުލެއްގައި ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އަރާމުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ތެރަޕިއުޓިކް ލޭޒިނެސްގައި ބައިވެރިވުމުން ސަމާލުކަމާއި އުފެއްދުންތެރިކަމާއި ދިގު މުއްދަތުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ.

ޑރ. އަނިލް ބުނާގޮތުގައި ސިކުނޑި އަބަދުވެސް މަސައްކަތުގައި އުޅޭއިރު، ފަހަތުގައި ވިސްނުންތައް ޕްރޮސެސްކުރުމުގެ ފުރުސަތެއް ނުލިބެއެވެ. މިއީ އުފެއްދުންތެރި މައްސަލަ ހައްލުކުރުމާއި އާ އީޖާދުތަކަށް ކޮންމެހެން މުހިންމު ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި އަރާމުކުރާ ވަގުތުތަކުން ކުއްލި އާ ޚިޔާލުތަކާއި ވިސްނުމުގެ ހުނަރުވެރިކަން އިތުރުވެއެވެ.

ނިދުމުގެ ފެންވަރު ރަނގަޅުވުން

ނިދަން އޮށޯތުމުގެ ކުރިން އަރާމު ހަރަކާތްތަކުގައި ބައިވެރިވުމުން ނިދަން ފަށާ ވަގުތާއި ނިދުމުގެ ފެންވަރު ރަނގަޅުވެއެވެ.

ވެލްނެސް ހޯމް ކްލިނިކް އެންޑް ސްލީޕް ސެންޓަރުގެ ޕަލްމޮނޮލޮޖިސްޓް އަދި ޑައިރެކްޓަރު ޑރ. ވިކާސް މިޓަލް ބުނާގޮތުގައި ސްކްރީން ބޭނުންކުރާ ވަގުތު މަދުކުރުމާއި، ކޮޓަރީގެ އަލި ރޭގަނޑު ނޫކުލައަށް ބަދަލުކުރުން، ނުވަތަ އަލިކަން މަޑުކުރުމުން ރަނގަޅު ނިދުމަކަށް މަގުފަހިވެއެވެ. މީގެ އިތުރުން، މަޑު މިޔުޒިކާއި، އާ ބެޑްޝީޓާއި، ހަމުގެ ފަރުވާ ފަދަ ނިދުމަށް މަގުފަހި މާހައުލެއް އުފެއްދުންވެސް މުހިންމެވެ.

އަރާމުކުރާއިރު ކުށްވެރިވުމުގެ އިހުސާސް ކުރޭތަ؟

އަރާމުކުރުމާ ގުޅިފައިވާ ކުށްވެރިވުމުގެ އިހުސާސް ގިނަފަހަރަށް އަންނަނީ އުފެއްދުންތެރިކަމާއި މުޖުތަމައުގެ ވިސްނުންތައް ހުންނަގޮތުންނެވެ. މި ވިސްނުން ބަދަލު ކުރުމަށް، އަރާމުކުރުމަކީ ލަގްޒަރީއެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި ހަށިގަނޑަށް ކޮންމެހެން ބޭނުން ކަމެއްގެ ގޮތުގައި އަލުން މާނަކުރަން ޖެހެއެވެ. މައިންޑްފުލްނެސް އަދި އަމިއްލަ ނަފުސަށް ހަމްދަރުދީވުން އާދަކުރުމުން އަރާމުކުރުމަކީ ހައްގު ނޫން އެއްޗެއްކަމުގެ އަށަގެންފައިވާ ގަބޫލުކުރުން ދެނެގަނެ އެކަމާ ކުރިމަތިލުމަށް އެންމެންވެސް އެހީތެރިވާން ޖެހެއެވެ.

މިކަން ހައްލުކުރުމަށް، ޑރ. އަނިލް ބައެއް ލަފާ ހިއްސާކޮށްފައިވެއެވެ:

- މަސައްކަތާއި އަމިއްލަ ބަގުތާ ދެމެދު ބެލެންސެއް ގެންގުޅުން
- ހުސްވަގުތު ތާވަލުކުރުމާއި، އަރާމުކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅުވާކަން އަމިއްލަ ނަފުސަށް ހަނދާންކޮށްދިނުން
- ފޮތް ކިޔުން ނުވަތަ އެއްވެސް ދަތިކަމެއް ނެތި އެނދުގައި އޮތުން ފަދަ އަރާމުކުރުމަށް މަގުފަހިކޮށްދޭ ކަންކަމުގައި ބައިވެރިވުން