ސީއެންއެމް އާ ދެކޮޅަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހުށަހެޅި މައްސަލާގައި ޖަވާބުދާރީވާން ސީއެންއެމްއަށް އަންގައިފިއެވެ.
މިއީ ދީބާޖާގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ރިޝަވަތު ނެންގެވިކަމަށް ތުހުމަތުކޮށް އެ ނޫހުގައި ލިޔެފައިވާ ލިޔުމަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލައަށް ޖަވާބުދާރީވުމަށް އަންގައި، މީޑިއާ ކައުންސިލުގެ ރައީސް ހިދާޔަތުﷲ ސޮއިކުރައްވައި، ސީއެންއެމް އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ދީބާޖާ މައްސަލާގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން "ރިޝްވަތު" ނެގިކަމަށް، ތުހުމަތުކޮށް، ޝާއިއު ކުރި ލިޔުމާއި ގުޅިގެމް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން މީޑިއާ ކައުންސިލްގެ ގާނޫނުގެ 25 ވަނަ މާއްސާގެ (ހ) ގައި މައްސަލަ ހުށަހެޅުމުގެ ކުރިން ދެ ފަރާތުން މަޝްވަރާ ކޮށްގެން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ބުނެފައިވާތީ، އެ މައްސަލަ ހައްލު ކުރުމަށް ކުރެވުނު މަސައްކަތުގެ ލިޔެކިޔުންތަކާއި، އޭގެ ނަތީޖާ އަންނަ ޖޫން މަހުގެ ދިހަވަނަ ދުވަހުގެ ކުރިން އެ ކައުންސިލަށް ފޮނުވައި ދިނުމަށް ވަނީ އެދިފައެވެ.
ޖޭއެސްސީން ބުނެފައިވަނީ ސީއެންއެމްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުގެ ތުހުމަތުކޮށް ޝާއިއުކޮށްފައިވާ ލިޔުމަކީ އެއްވެސް ހަގީގަތެއް ނެތް، ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެއް ކަމަށެވެ. އަދި އެއީ، ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ އަގުވައްޓާލައި، ފަނޑިޔާރުންނަށް ބިރުދައްކައި، ކޯޓުގެ ހުރުމަތް ކަނޑައިލުމުގެ އިތުރުން، އަދުލު އިންސާފު ގާއިމުކުރުމާއި ގާނޫނު ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޯޓުންކުރާ މަސައްކަތަށް ހުރަސް އެޅުމަށް ލިޔެފައިވާ ލިޔުމެއް ކަމަށްވެސް ބުނެފައިވެއެވެ.