ޔޫއެފާ ޗެމްޕިއަންސް ލީގު ޕްލޭ އޮފް ބުރުގައި މެންޗެސްޓާ ސިޓީން ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނަން ޖެހިއްޖެއެވެ.
ޗެމްޕިއަންސް ލީގުގެ އާ ފޯމެޓަށް މި ސީޒަނުގެ މެޗުތައް ކުޅެ، މިހާރު ވަނީ ލީގު ބުރު ނިމިފައެވެ. 36 ޓީމަކުން ވާދަކޮށް، ގަދަ 16 އަށް ސީދާ ދިޔައީ ގަދަ އަށް ޓީމެވެ. ނުވަވަނައިން، 24 ވަނައާ ދޭތެރޭ ނިންމާލާ ޓީމުތަކުގެ ތެރެއިން ގުރު ނަގައިގެން ކޮންމެ ޓީމަކުންވެސް ދެ ލެގުގެ ޕްލޭ އޮފް މެޗަކަށް ނުކުންނަން ތައްޔާރުވެފައިވާ އިރު، ސިޓީއަށް ވަރުގަދަ ރެއާލާ ޖެހުނީ ކިރިޔާ ސަލާމަތްވުމުންނެވެ.
ސިޓީން ލީގު ބުރުގެ ފަހު މެޗަށް ދިޔައިރުވެސް އޮތީ ކެޓުމުގެ ތުންފަތްމަތީގައެވެ. މަރުގެ މެޗުން މޮޅުވެ ސިޓީން ޕްލޭ އޮފްއަށް ކޮލިފައިވި ނަމަވެސް، އެޓީމު ލީގު ބުރު ނިންމާލީ 22 ވަނައިގައެވެ. އެއީ އަށް މެޗުން 11 ޕޮއިންޓާއެކުގައެވެ. ރެއާލަށްވެސް ގަދަ އަށެއް ޔަގީން ކުރެވިފައި ނުވާ އިރު، އެޓީމުން ނިންމާލީ 11 ވަނައިގައެވެ. އެއީ އަށް މެޗުން 15 ޕޮއިންޓާއެކުގައެވެ.
މިހާތަނަށް ރެއާލުން ރެކޯޑު 15 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އިރު، ރެއާލަކީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗެއްގައި ބަލިކުރަން އުނދަގޫވެސް ޓީމެކެވެ. މިހާތަނަށް މި ސީޒަނުގައި ސިޓީގެ ފަރާތުން އެންމެ އެކަށީގެންވާ ފޯމެއްވެސް ފެނިގެން ގޮސްފައި ނުވާ އިރު، ސިޓީއަށް އޮތީ އުނދަގޫ ޗެލެންޖެކެވެ.
މިފަހަރު ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި އިތުރު ބައެއް ވަރުގަދަ ކްލަބުތަކުންވެސް ވާދަކުރާނެއެވެ. ބްރެސްޓާއި ޕީއެސްޖީ ވާދަކުރާ އިރު، އެޓަލާންޓާ ނުކުންނާނީ ކްލަބު ބްރޫޖާ ދެކޮޅަށެވެ.
އޭގެ އިތުރުން ޔުވެންޓަސް ވެސް ޕްލޭ އޮފްގައި ވާދަކުރާ އިރު، އެޓީމުން ނުކުންނާނީ ޕީއެސްވީއާ ދެކޮޅަށެވެ. އޭސީ މިލާނުން ފެޔެނޫޑާ ދެކޮޅަށް ކުޅެން ޖެހިފައިވާ އިރު، ބަޔާން މިއުނިކުން ޕްލޭ އޮފްގައި ކުޅޭނީ ސެލްޓިކާ ދެކޮޅަށެވެ. އެއާއެކު ޑޯޓްމުންޑުން ސްޕޯޓިންނާ ވާދަކުރާ އިރު، ބެންފިކާއާއި މޮނާކޯވެސް ޕްލޭ އޮފްގައި ކުރިމަތިލާނެއެވެ.
ސިޓީއާއި ރެއާލް ވާދަކުރާ މެޗުތަކުން ފުރަތަމަ ލެގު އޮންނާނީ ފެބްރުއަރީ 11 ނުވަތަ 12 ގައެވެ. ދެވަނަ މެޗު އޮންނާނީ އޭގެ ޖެހިގެން އަންނަ ހަފުތާގައެވެ.
ގަދަ 16 ގެ ޓީމުތައް ޔަގީންވުމުން އިތުރު ގުރެއް އަދި ނަގާނެއެވެ.