ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގެ އެއްވަނަ ފަންގިފިލާއިން ވެއްޓި އަނިޔާވި މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން "ވަން" އަށް މިއަދު ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 5:00 ހާއިރު ކަމަށެވެ.
"ދިމްޔާތު އެއްވަނަ ފަންގިފިލާ ބޭރުގައި ކުލަލާން އުޅުނު އިންޑިއާ ފިރިހެނަކު ވެއްޓި އަނިޔާވެގެން އައިޖީއެމްއެޗަށް ފަރުވާދިނުމަށް ގެންގޮސްފައިވޭ،" ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އިމާރާތުން ވެއްޓުނު މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ނުދެއެވެ. އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބުދީފައިނުވާތީ އެ މައުލޫމާތު ސާފުކުރެވިފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ވެއްޓުނު އިންޑިއާ މީހާ ހަތަރު މީހެއްގެ އަތްދަނޑި މަތީގައި އައިޖީއެމްއެޗަށް ގެންދާ މަންޒަރެވެ.