ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު 15 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އެސްޓީއޯ އިން އިއްޔެ ވަނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކޮށްފައެވެ. އެ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ލިބުނު 15 ބިލިއަން ރުފިޔާގެ އާމްދަނީއަކީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު ހަ ޕަސެންޓްގެ ދަށްވުމެކެވެ.
އޭގެ ސަބަބެއް ކަމަށް އެސްޓީއޯއިން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ކުންފުނިން ވިއްކަމުންދިޔަ ތެލުގެ އަގު ތިން ފަހަރެއްގެ މަތީން ދަށްކުރުމާއެކު ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމުން ކަމަށެވެ. އާމްދަނީ ދަށްވުމާއެކު މިދިޔަ އަހަރު ޖުމުލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބުނީ 2.4 ބިލިއަން ރުފިޔާއެވެ. އެއީ ކުރީ އަހަރާ އަޅައިބަލާއިރު 12 ޕަސެންޓުގެ ދަށްވުމެކެވެ.
މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާއަކީ 812 މިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 19 ޕަސެންޓުގެ ދަށްވުމެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 717 މިލިއަން ރުފިޔާ އެވެ.
އެސްޓީއޯއިން އާންމުކުރި ހިސާބުތަކަށް ބަލާއިރު، އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ ކުއާޓަރުގައި ލިބުނު އާމްދަނީއަށްވުރެ ހަތް ޕަސެންޓުގެ ކުރިއެރުމެކެވެ. އެއާއެކު ޖުމުލަ ފައިދާ އޭގެ ކުރީ ކުއާޓަރާ އަޅައިބަލާއިރު އަށް ޕަސެންޓް އިތުރުވެ ޖުމުލަ ފައިދާގެ ގޮތުގައި ވަނީ 637 މިލިއަން ރުފިޔާ ލިބިފައެވެ.