މަކިޓާ ބްރޭންޑުގެ ފޭކު އުފެއްދުންތަކެއް ވިއްކަމުންދާތީ އެކަމަށް ސަމާލުވާން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިލްތިމާސްކޮށްފިއެވެ.
މަކިޓާއަކީ ގިނަ ބައެއްގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ ބްރޭންޑެކެވެ. އެ ބްރޭންޑުގެ އުފެއްދުންތަކުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރަކީ އެސްޓީއޯއެވެ. އެގޮތުން އެ ކުންފުނިން މަކިޓާގެ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާ، ފެންވަރު ރަނގަޅު އުދެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަތާ އެތައް އަހަރެއްވެއްޖެއެވެ.
އެސްޓީއޯ އިން މިއަދު ނެރުނު ޕަބްލިކް އެޑްވައިޒަރީގައި ބުނީ، މަކިޓާގެ ފޭކު އުފެއްދުންތައް ބާޒާރުގައި ދައުރުވަމުންދާކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެފަދަ އުފެއްދުންތަކަކީ ކަސްޓަމަރުންނަށް އޭގެ ބޭނުން އެދެވޭ ގޮތުގައި ހިފޭނެކަމުގެ ޔަގީންކަން ނެތް، ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއް ނެތް އުފެއްދުންތަކެއް ކަމަށްވާތީ، ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް ގަންނަ އުފެއްދުންތައް ގަތުމުގެ ކުރިން އެ އުފެއްދުންތަކަކީ އޮރިޖިނަލް އުފެއްދުންތަކެއްކަން ކަށަވަރު ކުރުމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ، މަކިޓާ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށް އެ ކުންފުނީގެ ސާވިސް ސެންޓަރުން އާފްޓާ ސޭލްސް ހިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯ އިން ނުވަތަ އެ ކުންފުނިން ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ގަންނަ މަކިޓާގެ އުފެއްދުންތަކަށް އެކަނި ކަމަށެވެ.
އެހެންކަމުން މަކިޓާގެ ފޭކު އުފެއްދުންތަކާމެދު ސަމާލުވުމަށާއި އަދި މަކިޓާގެ އުފެއްދުންތަކުގެ އަސްލުކަން ކަށަވަރުކުރުމަށް އެހީތެރިކަން ބޭނުންވާ ނަމަ، އެސްޓީއޯ މަކިޓާ ޝޯރޫމަށް ދިއުމަށް އެސްޓީއޯ އިން ވަނީ އިލްތިމާސްކޮށްފައެވެ.