ހއ. އުލިގަމު ކައުންސިލުގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އުލިގަމަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގެ ތެރެއިން އުލިގަމު ކައުންސިލުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފެވެ.
ސަރުކާރުން ވަނީ 55 ރަށެއްގެ ކައުންސިލު އިމާރަތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓާ ގްލޯބަލްއާ ހަވާލުކޮށްފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ އުލިގަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްއެއް ބެހެއްޓުމަށް ވެސް އެ ރަށު ކައުންސިލާ ހަވާލުކޮށްފައެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ. އުލިގަމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަހުމަދު މުއާޒް މުހައްމަދެވެ.
ރައީސް ވަނީ އުލިގަމަށް ވަޑައިގެން އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފައެވެ. އެފަހުން ވަނީ އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ.