ޚަބަރު

އުދައްޔު މަރާލި މައްސަލައިގެ ޝަރީއަތް ނިމިއްޖެ، ދެން އޮންނާނީ ހުކުމްކުރުން

މުހައްމަދު އިޝާން

ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެރަށު ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔުއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގެ ޝަރީއަތް މިއަދު ކުރިމިނަލް ކޯޓުން ނިންމާލައިފިއެވެ.

ފެބްރުއަރީ 8، 2021 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީގައި އުދައްޔު މަރުވީ ހަށިގަނޑަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އަދި މާރާމާރީގައި އުދައްޔުގެ އެއްބަނޑު ބޭބެ، ފިރުޝާން ޒާހިރަށް ވެސް ވަޅިން ހަމަލާދިނެވެ.

އުދައްޔު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގއ. މާމެންދޫ/ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖަކަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދަައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާވެސް އެ މީހުންގެ މައްޗަށް ދައުލަތުން ކުރެއެވެ.

އުދައްޔު މަރާލި ކަމުގެ ކުށުގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ އަދަބެއްގެ ގޮތުގައި ކުޑަކުދިން ބަންދުކުރާ މަރުކަޒެއްގައި 25 އަހަރާއި ފަސް މަހަށް ބަންދުކުރަން ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އުދައްޔު މަރުގެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުންނާއި މައްސަލަ ރައްދުވާ ފަރާތްތަކުން ވަނީ ހުލާސާ ބަޔާން އިއްވައިފައެވެ. ދައުލަތުން ހުލާސާ ބަޔާނުގައި ވިދާޅުވީ އުދައްޔުގެ މަރުގެ މައްސަލައިގައި ކުޑަކުއްޖާގެ އިތުރުން ދެން މި މައްސަލައިގައި ދައުވާ ލިބޭ މީހުން ވެސް ބައިވެރިވެފައިވާ ކަމަށް ހެކިންގެ ހެކިބަހުންނާއި އެހެނިހެން ހެކިތަކުން އެނގޭ ކަމަށެވެ.

ދައުލަތުން ބުނީ އުދައްޔުއަށް ތޫނު އެއްޗަކުން ހަމަލާދިން މަންޒަރު ފެނުނު މީހުން ޝަރީއަތަށް ދިން ހެކިބަހުގައި ކުޑަ ތަފާތުތަކެއް ހުރި ކަމަށެވެ. ނަމަވެސް ތަފާތުތަކުން ނުވަތަ ފުށުއެރުންތަކުގެ ސަބަބުން މުޅި މައްސަލައިގައި ކަން ހިނގައިފައިވާ ގޮތަށާއި މައްސަލައިގެ ވާގިއާއަށް އަސަރު ނުކުރާނެ ކަމަށެވެ.

އުދައްޔުއަށް ހަމަލާ ދިނުމަށްފަހު މައްސަލަ ރައްދުވާ ފަރާތްތަކުން އުފާ ފާޅުކުރާ މަންޒަރު ފެނުނު ހެކިވެރިން ވެސް ހެކިބަސް ދީފައިވާ ކަމަށާއި އެ ހެކިބަސްތަކުން އެނގޭ ގޮތުގައި މައްސަލަ ރައްދުވާ ފަރާތްތަކުން އުފާ ފާޅުކޮށްފައި ވަނީ އުދައްޔުއަށް ހަމަލާދިނުމާ ގުޅިގެން ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުން އުދައްޔުއަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ މަރާލުމުގެ ގަސްތު އޮވެގެންކަން ސާފުވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

މައްސަލަ ރައްދުވާ ފަރާތްތަކުގެ ހުލާސާ ބަޔާނުގައި ވަނީ ހެކިންގެ ހެކިބަހުގައި ހުރި ފުށު އެރުންތައް ފާހަގަކޮށް، އެ ހެކިބަސްތަކައް ރިއާޔަތް ނުކުރުމަށް އެދިފައެވެ. އަދި ވަނީ ގަސްދުގައި މަރުގެ ދައުވާއަށް ތަކުރާރުކޮށް އިންކާރުކޮށްފައެވެ.

ދެ ފަރާތުން ހުލާސާ ބަޔާން އިއްވައި ނިމުމުން މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ މި މައްސަލައިގައި އިތުރު ކަމެއް ޝަރީއަތުން ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމްކުރުން ކަމަށެވެ. ހުކުމްކުރާ ޝަރީއަތް މާޗު މަހުގެ ތެރޭގައި ތާވަލުކުރާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.