ރ. އަތޮޅުގެ ރިސޯޓަކުން ސްނޯކްލިންއަށް ދިޔަ އެ ރިސޯޓުގެ މުވައްޒަފު ހޯދުމަށް ކަނޑުގެ ސަރަހައްދުން 207,819.18 މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ރ. އަތޮޅުގެ ރިސޯޓަކުން ސްނޯކްލިންއަށް ދިޔަ އިންޑިއާއަށް ނިސްބަތްވާ ޕަރަމްޖީތު ސިންގް ރަވާތު ގެއްލުނީ މިދިޔަ ހޯމަ ދުވަހުގެ މެންދުރުފަހުގެ 3:35 ހާއިރުއެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ އެ ދުވަހުގެ ހަވީރު 4:09 ހާއިރުއެވެ.
އެމްއެންޑީއެފުން މިއަދު މީޑިޔާތަަކަށް ބުނީ އިފުރު މޯލްޑިވްސްގައި މަސައްކަތްކުރާ 26 އަހަރުގެ އިންޑިއާގެ ރައްޔިތެއް މޫދުން ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސާޗް އެންޑް ރެސްކިޔު ސެންޓަރު އުލިގަމް ޕޯސްޓަށް ލިބުނީ ހޯމަ ދުވަހުގެ ހަވީރު 4:41 ހާއިރު ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ފެށި ކަމަށާއި އިއްޔެއިން ފެށިގެން އޭނާ ހޯދުމަށް ކުރި މަސައްކަތުން، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރު ކްރާފްޓާއި ސީ އެމްބިއުލަންސް އަދި ފުލުހުންގެ އެހީތެރިކަމާއެކު ކަނޑުމަގުން 74.18 އަކަ ނޯޓިކަލް މޭލު ބެލި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އޭގެ އިތުރުން ކޯސްޓްގާޑުގެ ޑައިވަރުންނާއި އިފުރު މޯލްޑިވްސް ރިސޯޓް މުވައްޒަފުންގެ އެހީތެރިކަމާއެކު ޑައިވްކޮށްގެން 160،718 އަކަ މީޓަރު ބަލާފައިވާ ކަމަށާއި ކޯސްޓްގާޑުގެ ޑައިވަރުން ސްނޯކަލް ކޮށްގެން 46،814 އަކަ މީޓަރު ބަލާފައިވާ ކަމަށާއި އަދި ވައިގެމަގުން 213 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މިއަދު "ވަން" އަށް ވިދާޅުވީ ރިސޯޓު މުވައްޒަފު ހޯދުމުގެ މަސައްކަތުގެ އިތުރު މައުލޫމާތު ފުލުހުން މެދުވެރިކޮށް މީޑިޔާތަކަށް ހިއްސާކުރާނެ ކަމަށެވެ.
"މުޅި ކޭސް ނިމުނީމަ އަޅުގަނޑުމެން ހުރިހާ މައުލޫމާތެއް ދޭނަން،" އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާއިން އިއްޔެ "ވަން" އަށް ބުނީ ރ. އަތޮޅުގެ ރިސޯޓަކުން ސްނޯކްލިންއަށް ދިޔަ އެ ރިސޯޓުގެ މުވައްޒަފު އަދި ނުފެންނަ ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި ސިފައިންވެސް ހަރަކާތްތެރިވަމުންދާ އިރު، އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.