ސްޓެލްކޯ ރެކްރިއޭޝަން ކްލަބް (އެސްއާރުސީ) އަކީ ކުންފުނީގެ މުވައްޒަފުންގެ އަހުލާގު ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރި ފަރާތެއް ކަމަށާއި ރެކްރިއޭޝަން ކްލަބް އަލުން ވުޖޫދުކުރުމުގެ އެއް ބޭނުމަކީ އެ އަހުލާގު އަލުން މުވައްޒަފުންގެ ތެރޭގައި އަށަގެންނެވުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަދި އެސްއާރުސީގެ ބޯޑުގެ ޗެއާޕާސަން ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަލުން އުފައްދައި، އިއްޔެ ބޭއްވި އެ ކްލަބްގެ އިފުތިތާހީ ޖަލްސާގައި ފަހުމީ ވިދާޅުވީ، އޭރުގެ ސްޓެލްކޯ ރެކްރިއޭޝަން ކްލަބަކީ ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކްލަބެއް ކަމަށާއި އެ ކާމިޔާބީތަކުގެ އެންމެ ބޮޑު ފައިދާއެއް ކުރީ ސްޓެލްކޯގެ މުވައްޒަފުންނަށް ކަމަށެވެ.
"އޭރުގައި ހިންގި ރެކްރިއޭޝަން ކްލަބް އަދި މިއަދުގެވެސް ރެކްރިއޭޝަން ކްލަބުން އެންމެ ބޮޑު ފައިދާއެއް ކުރީ މިއަދުގެ ސްޓެލްކޯއަށް. އޭރުގަ އިސްވެރިން ވަރަށް ބޮޑަށް ބާރުއެޅުއްވި ކަމެއް އެ ރެކްރިއޭޝަން ކްލަބް މެދުވެރިކޮށް ކުންފުނީގެ މުވައްޒަފުންގެ އަދަބާ އަހުލާގު ވަކި ގޮތަކަށް ބައްޓަންކުރުން. ކުންފުނީގެ ޑިސިޕްލިން ވަކި ގޮތަކަށް ހިފެހެއްޓުން... ގަޑިއެއް ނުޖެހޭނެ ދުވަހަކުވެސް. އަދި ކުންފުނީގެ ތެރޭގަ އެބޭފުޅުންގެ ބޭއަދަބީ ނުވަތަ އެބޭފުޅުން ގޯހޭ ބުނާނެ އެއްވެސް މުވައްޒަފަކު ނޫޅޭނެ. ނަމޫނާ މުވައްޒަފުންތަކެއް އޭރު ކުންފުނީގަ ތިބި ހުރިހާ ބޭފުޅުންނަކީވެސް.،" ފަހުމީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސްޓެލްކޯ ރެކްރިއޭޝަން ކްލަބުގައި އޭރު ކުޅިވަރު ކުޅުއްވި ބޭފުޅުންނަކީ ކުޅިވަރުގެ ދާއިރާގައާއި މަސައްކަތުގެ ދާއިރާގައިވެސް ނަމޫނާ މުވައްޒަފުންތަކެއް ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ހަމަ އެ ކްލަބް ވުޖޫދަށް މި ގެނައީ. އަޅުގަނޑުމެން މެނޭޖުމަންޓުން ބޭނުންވަނީ ހަމަ އެ ވެލިއުޒްތައް އަނެއްކާވެސް ކްލަބުން އެޑްކޮށްދެއްވާށޭ ކުންފުނީގެ މުވައްޒަފުންގެ ތެރެއަށް"، ފަހުމީ ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓްލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ބޯޑުގެ ވައިސް ޗެއާޕާސަން، އަބްދުﷲ ނާޒިރު ވިދާޅުވީ، އެސްއާރުސީއަކީ ގައުމީ ފެންވަރުގެ، ހިދުމަތްތެރި، މޮޅު މީހުން އުފައްދާފައިވާ ކާމިޔާބު މާޒީއެއް އޮތް ކްލަބެއް ކަމަށެވެ.
އެ ކްލަބް އަލުން ވުޖޫދަށް އައުމަކީ ކުންފުނީގެ މުވައްޒަފުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި މުވައްޒަފުންގެ އެއްބައިވަންތަކަމާއި ދުޅަހެޔޮކަމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކްލަބުގެ ތެރެއިން ކުރެވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި ހިދުމަތް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔައިރުގައި އަޅުގަނޑުމެންގެ ރެކްރިއޭޝަން ކްލަބްގެ ހަރަކާތްތައް ފެނިގެންދިޔައީ މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި ކުޅިވަރުގެ ރޫހުގެ ތެރެއިން އަޅުގަނޑުމެން ހިދުމަތް ދިނުމަށް. އެކަން ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ ޑިރެކްޓަރުންގެ ބޯޑުގެ ބޯޑްރޫމް ތެރެއަށް ވަދެލީމަ. އެކަން ފެނިވަޑައިގަންނަވާނެ އަޅުގަނޑުމެން މިތަނުން އުފެއްދި، ކުޅިވަރުގެ ތެރެއިން އުފެއްދި ވަރަށް އަގުހުރި ހިދުމަތްތެރިންނަށް ބަލާލީމަ. އެކިއެކި ދާއިރާތަކުގެ ވަރަށް ރަނގަޅު ގައުމީ ފެންވަރުގެ ކުޅުންތެރިން އަޅުގަނޑުމެންގެ މި މުވައްޒަފުންގެ ތެރޭގަ ވަނީ އުފެދިފަ. އުފައްދަވާފަ. އެހެންވީމަ ގައުމީ ފެންވަރުގަ ދިވެހިރާއްޖެ ބަލައިގަތް އަޅުގަނޑުމެންގެ ކުޅިވަރުގެ ޙަރަކާތްތައް، ރެކްރިއޭޝަން ކްލަބް"، ނާޒިރު ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި މި އަހަރު ބައިވެރިވުމަށް ހަމަޖެހިފައިވާ އެކިއެކި މުބާރާތްތައް ހިމެނޭ އެކްޓިވިޓީ ކަލަންޑަރު އިއުލާންކޮށް، ކްލަބްގެ ވެބްސައިޓާއި ލަވަވެސް އިފުތިތާހުކުރިއެވެ. މީގެ އިތުރުން ކްލަބްގެ ހަރަކާތްތައް ޕްރޮމޯޓްކުރުމަށާއި ކްލަބް ކުރިއެރުވުމަށް ކަނޑައަޅާފައިވާ މަންދޫބުންނާއި އެމްބެސެޑަރުންގެ ގޮތުގައި ހަމަޖެއްސި ފަރާތްތައް އިއުލާންކޮށް، އެ ފަރާތްތަކަށް ވަނީ ސެޓްފިކް ހަވާލުކޮށްފައެވެ.
ކްލަބްގެ ހިންގުން ހަރުދަނާކޮށް، ކްލަބް ހިންގުމުގައި މެންބަރުންގެ ބައިވެރިކަން އިތުރު ކުރުމަށާއި ކްލަބްގެ ހަރަކާތްތަކުގެ ތެރެއިން އެކިއެކި ކުޅިވަރު ކުރިއެރުވުމަށް ސްޕޯޓްސް އެމްބެސެޑަރުން ކަނޑައަޅާފައިވާއިރު، ކުޅިވަރުގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރުކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ވިމެންސް ވިންގް އުފައްދައި، އެ ވިންގްގެ އެމްބެސެޑަރުންވެސް އިއްޔެގެ ޖަލްސާގައި ވަނީ ކަނޑައަޅައިފައެވެ.
އިއްޔެ ވަނީ ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ އަހަރީ އާންމު ޖަލްސާވެސް ބާއްވައިފައެވެ. އެ ޖަލްސާގައި ކްލަބްގެ އާ ދިދަ، ލޯގޯ، ކުލަތައް އަދި ސްލޯގަން ވަނީ ފާސްކޮށްފައެވެ.