ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
އެގޮތުން ސާގު ފަންޏަކީ ދިވެހިންނަށް ވަރަށް ހާއްސަ ބުއިމެކެވެ. ހާއްސަކޮށް ރޯދަމަހުގެ ކޮންމެ ރެއަކު ހާރުދަމު ގަވައިދުން ސާގުފަނި ބޯ މީހުން މިހާރުވެސް އުޅެއެވެ. ސާގަކީ ހަށިގަނޑަށް ފިނިކަން ގެނެސްދީ ކަރުހިއްކުން ފިލުވައިދޭ ބުއިމެކެވެ. އަދި ސާގަކީ ބަރުދަން ލުއިކުރުމަށާއި ހަޖަމުގެ މައްސަލަ ހުންނަ މީހުންނަށް ވަރަށް ރަނގަޅު އެއްޗެކެވެ.
ބޭނުންވާ ތަކެތި:
1 ޖޯޑު ސާގު
5 ޖޯޑު ފެން
2 ޖޯޑު ހަކުރު
2 އިންޗި ފޮނިތޮށި
5 ކާފޫރު ތޮޅި
1 ޖޯޑު މާފެން
3 ރާނބާފަތް ކޮޅު
ތައްޔާރުކުރާ ގޮތް:
އެންމެ ފުރަތަމަ ތެއްޔެއްގައި ކުޑަ ފެންފޮދެއް އުދާށެވެ. ފެން ފޮދު ކެކިގަތުމުން ސާގުތައް ފެނުގެ ތެރެއަށް އަޅާށެވެ. ސާގު އަޅާނީ ދޭފަތުން ހަލަމުންނެވެ. 3 މިނެޓެއްހާއިރު ވުމުން ތެލި ބޭލުމަށްފަހު ސާގުކޮޅުގެ ތެރެއަށް ހިހޫފެން އަޅާށެވެ. ހިހޫފެން އެޅުމުން ސާގުކޮޅު އަޑިއަށް ދާނެއެވެ. ދެން ސާގުގައި ހުރި ތާންގަނޑު ދޮވެ ދުއްވާލުމަށްފަހު 5 ޖޯޑު ފެން، ހަކުރު، ފޮނިތޮށި، ކާފޫރުތޮޅި، ރާނބާފަތް، އަޅައިގެން ކައްކާށެވެ. ސާގު މަޑުވުމުން ފޮނިރަހަ ހެޔޮވަރުކުރާށެވެ. ރަހަ އެއްވަރުވުމުން މާފެން އަޅައި ތެލި ބާލާށެވެ. ބޭނުން ނަމަ، ސާގު ފަންޏަށް ގެރިކިރުވެސް އަޅާށެވެ. އަދި ބޭނުން ކުލައެއްގެ ކާކުލަވެސް އަޅަންވީއެވެ. ސާގުފަނީގެ އޮލަމިން ބަހައްޓާނީ އެމީހަކަށް ނުވަތަ އެއާއިލާއަކަށް އެންމެ ހެޔޮވަރަކަށެވެ.