ޚަބަރު

ޅޮހީ ބަނދަރުގެ އެއްގަމުތޮށި ލުމުގެ 60 ޕަސެންޓް މަސައްކަތް ނިމިއްޖެ

މުހައްމަދު އިކްޝާން އިހުސާން

ނ. ޅޮހީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 60 ޕަސެންޓް ނިންމައިފިއެވެ.

އެ މަޝްރޫއު ކުރިޔަށް ގެންދާ އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 66,701 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 2,205 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ.

ޅޮހީ ބަނދަރުގެ މަޝްރޫއު ދަށުން، 366 މީޓަރުގެ އެއްގަމުތޮށި ލުމާއި 321 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި 95 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 1,720 އަކަ މީޓަރުގެ ސަރަހައްދެއްގެ ހާބާ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި މޫރިން ބޯއީސް ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 64.87 މިލިއަން ރުފިޔާއަށެވެ.