ޚަބަރު

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބީއެމްއެލްއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ހޯދައިފިއެވެ.

ބީއެމްއެލްއިން މިއަދު ބުނި ގޮތުގައި އެ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އެއީ ތިން ވަނަ ކުއާޓާއާ އަޅައި ބަލާ އިރު 47 ޕަސަންޓުގެ ކުރިއެރުމެއް ކަމަށެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި އެ ކުންފުނީގެ ސާފު ފައިދާ އިތުރުވެފައިވަނީ ޕްރޮވިޒަންގެ ގޮތުގައި ބެހެއްޓިފައިވާ ނިސްބަތުން ބޮޑު އަދަދެއް ލިބުމުން ކަމަށެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުން ދައްކާ ގޮތުގައި އެ ބޭންކަަށް ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅައި ބަލާއިރު ހަތަރު ޕަސަންޓުގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ބީއެމްއެލްގެ ޖުމްލަ އެސެޓް ވަނީ 2023 ވަނަ އަހަރަށްވުރެ ތިން ބިލިއަން ރުފިޔާ އިތުރުވެފައެވެ. އެ ބޭންކުން ވަނީ މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.