ހއ. ތަކަންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް އެ ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.
އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލާ ހަވާލުކޮށްފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. އަތޮޅު ރަށްރަތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތަކަންދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެކަމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ތަކަންދޫ ކައުންސިލްގެ ރައީސް ހުސެއިން ނަޢީމެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.
ތަކަންދޫގައި މިވަގުތު ބޭންކިން ހިދުމަތް ދެނީ ބީއެމްއެލް އެޖެންޓެއް މެދުވެރިކޮށެވެ. އޭޓީއެމްގެ ހިދުމަތް ތަކަންދޫގައި ގާއިމުކުރަން ނިންމާފައިވަނީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތްތައް ފުޅާ ކުރެއްވުމަށް ރައީސް ފައްޓަވާފައިވާ މަސައްކަތްތަކުގެ ދަށުންނެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމެވެ. ބީއެމްއެލްއިން ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ހިދުމަތް ފޯރުކޮށްދެމުންދާ އިރު، އެކުންފުނީގެ އަމާޒަކީ މިއަހަރުގެ މާޗު މަހުގެ ނިޔަލަށް އިތުރު 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމެވެ.