ޚަބަރު

އަކުރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައިކޯޓަށް

ކުރީ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އުފެއްދި ފްލެޓް ކޮމިޓީގެ ޗެއާއަކަށް ހުންނެވި އޭރުގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އަކުރަމްގެ ޕާސްޕޯޓް ހިފެހެއްޓީ، "ބިންވެރިޔާ" ސްކީމުގެ ތެރެއިން އުސޫލާ ހިލާފަށް ބަޔަކަށް ގޯތި ދީފައިވާ މައްސަލައާ ގުޅިގެން އޭސީސީގެ އެދުމުގެ މަތިން ކަމަށެވެ. އަދި އެއީ އަންނަ މަހުގެ 18, އާ ހަމައަށް ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެ މައްސަލަ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅައި އަކުރަމް ވިދާޅުވީ ކުރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އުސޫލުތަކާ ހިލާފު އަމުރެއް ކަމަށެވެ. އެކަން ސާބިތުކުރަން ގިނަ ނުކުތާތަކެއް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

އެ ގޮތުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާ އޭސީސީއަށް އެއްބާރުލުން ދެމުން ގެންދާ ކަމާއި އޭނާގެ ބަޔާން ނަގާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީގައި އޭނާއާ ސުވާލުކުރި ފަހުން, ޕާސްޕޯޓު ހިފެހެއްޓުމާ ހަމައަށް ވެސް އިތުރު ސުވާލެއްކޮށްފައި ނުވާ ކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން އަކްރަމް އެދިފައި ވަނީ ކުރިމިނަލް ކޯޓުގެ އަމުރަކީ ގައިރު ގާނޫނީ އަމުރެއް ކަމަށް ކަނޑައަޅައިދީ، އެ އަމުރު ބާތިލުކޮށްދިނުމަށެވެ.

އެ މައްސަލައިގައި އަކުރަމްގެ އިތުރުން، ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް، ހައުސިން މިނިސްޓްރީގެ ކުރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ވިޝާން ނަސީމް އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގަމް ވަހީދުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ.