ހއ. ތަކަންދޫ ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ތަކަންދޫ ވަޑައިގެންފައެވެ. އެ ދަތުރުފުޅުގެ ތެރެއިން އާ ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ލާކަލް ގަވަނެސް މިނިސްޓަރު އާދަމް ޝަރީފެވެ.
ސަރުކާރުން ވަނީ 55 ރަށެއްގެ ކައުންސިލް އިމާރަތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓާ ގްލޯބަލް އާ ހަވާލުކޮށްފައެވެ.
ރައީސް ތަކަންދުއަށް ވަޑައިގެން ވަނީ އެ ރަށު އާ ޕޮލިސް ސްޓޭޝަން ހުޅުވައި ދެއްވައިފައެވެ. އަދި ވަނީ އެ ރަށު އާސާރީ ތަންތަން ބައްލަވައިލައްވައިފައެވެ.
މީގެ އިތުރުން ރައީސް ވަނީ ތަކަންދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓިއާ ބައްދަލުކުރައްވައިފައެވެ. އެއަށްފަހު ރައީސް ވަނީ ތަކަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ތަކަންދޫގެ އާސާރީ ތަންތަން ހިމާޔަތްކޮށް އެ ރަށުގައި ކަލްޗަރަލް ޓޫރިޒަމް ފުޅާ ކުރާނެ ކަމަށެވެ.