ހުޅުމާލޭގެ އެޕާޓްމަންޓެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ކުޑަކުއްޖަކު ފިހުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ 13 އަހަރުގެ ފިރިހެން ކުއްޖަކު ފިހިގެން ފަރުވާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ ކުއްޖާއަށް ފަރުވާދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގި ގޮތް ބެލުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ ފިހުނީ، ގޭސް އުނދުން ޖެއްސުމަށް ފަހު ލައިޓަރުން އުނދުން ރޯކުރި ވަގުތުއެވެ. މި ހާދިސާގައި ކުއްޖާގެ ހަށިގަނޑުގެ 50 ޕަސެންޓު ފިހިފައިވީ ނަމަވެސް އެ ކުއްޖާގެ ހާލު ސްޓޭބަލްކަން އެނގިފައިވެއެވެ.