ޚަބަރު

ދިރާގު ފިންޓެކާއި ސީބީއެމް، އެޗްބީއެލް ވެސް ފަވަރައިން ހިދުމަތް ދެނީ

ދިރާގު ޕޭގެ ހިދުމަތް ފޯރުކޮށްދޭ ދިރާގު ފިންޓެކާއި އިތުރު ދެ ބޭންކެއް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގާއިމުކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، "ފަވަރަ" އާ ގުޅިއްޖެއެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ފަވަރަ މެދުވެރިކޮށް ހިދުމަތްތައް ދިނުމަށް އެ ސިސްޓަމާ ގުޅުނީ ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް)، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް) އަދި ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް) އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި އެ ތިން ފަރާތުން ފަވަރައާ ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް ޕައިލަޓް ޓެސްޓިންގެ މަރުހަލާ ވެސް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އެގޮތުން އެ ތިން ފަރާތުގެ ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ފަވަރަ ޓްރާންސްފާ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން، ހުރިހާ ހިދުމަތްތައް މިހާރު ލިބޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ފަވަރައާ އަލަށް ގުޅުނު އެޗްބީއެލް އަދި ސީބީއެމް އާއެކު ރާއްޖޭގައި ބޭންކިންގެ ހިދުމަތް ދެމުން އަންނަ ހުރިހާ ބޭންކުތަކެއް މިހާރު މި ވަނީ ފަވަރަ ސިސްޓަމްގައި ބައިވެރިވެފައެވެ. މިއާއެކު އެއް ބޭންކުން އަނެއް ބޭންކަށް ކުރާ މުއާމަލާތްތައް ފަސޭހަކަމާއެކު ވަގުތުން މިހާރު ކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން އިތުރަށް ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ޕޭމަންޓް ހިދުމަތްދޭ އެހެނިހެން ފަރާތްތަކުން ވެސް ފަވަރައާ ގުޅުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.