އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަންގެ ނަމުގައި، ބޭންކު އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓްތަކުގައި ހުރި ފައިސާގެ ތެރެއިން، ސިވިލް ކޯޓަށް ފެނަކައިގެ ފަރާތުން އިނޮވިކްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން އޮތް 5.1 މިލިޔަން ރުފިޔާ ދަރަނި ސިވިލް ކޯޓުން ދައްކުވައިފިއެވެ.
މި މައްސަލައަކީ އިނޮވިކްސް އިން ފެނަކައަށް ފޯރުކޮށްދީފައިވާ ހިދުމަތް ތަކުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ 5.1 މިލިޔަން ރުފިޔާ ހޯދުމަށް އެދި ސިވިލް ކޯޓަށް މިދިޔަ އަހަރު ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި އެ ފައިސާއަކީ އެކުންފުންޏަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ފެނަކައިން އެއްބަސްވުމާ ގުޅިގެންނާއި ޝަރީއަތުގެ އިތުރު އަޑުއެހުމެއް ބޭއްވުމެއްނެތި އެ މައްސަލައިގައި ހުކުމްކޮށް ދިނުމަށް އެދި އިނޮވިކްސް އިން ފޯމު ހުށަހަޅާފައިވާތީ، 5.1 މިލިޔަން ރުފިޔާ އިނޮވިކްސް އަށް ލިބިދިނުމުގެ ގޮތުން 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ކޯޓަށް ދައްކައި ހަލާސް ކުރުމަށް 13 ޖޫން 2024 ގައި ކޯޓުން ފެނަކައަށް އަމުރު ކުރިއެވެ.
ނަމަވެސް އެ އަމުރާ އެއްގޮތަށް ފެނަކައިން ފައިސާ ނުދައްކާތީ، އެ ކޯޓު އަމުރު ތަންފީޒު ކޮށްދިނުމަށް އެދި އިނޮވިކްސްގެ ފަރާތުން މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އެ މައްސައިގައި ސިވިލް ކޯޓުން އިއްޔެ ބުނެފައި ވަނީ، އެ މައްސަލައާ ގުޅިގެން އިދާރީ ފިޔަވަޅު އަޅައި، ފެނަކައިގެ މާލީ ހާލަތު ކަމާގުޅުން ހުރި ތަންތަނުން ބަލާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ފެނަކައިގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ހުރި އެކައުންޓްގައި ހުރި ފައިސާގެ ތެރެއިން 5.1 މިލިޔަން ރުފިޔާ، ކޯޓަށް ގެނެސް އެ ފައިސާ ދައުވާކުރާ ފަރާތަށް ދޫކުރަން އަންގާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެ އެންގުމާ އެއްގޮތަށް، ކޯޓުގެ ފައިސާއާބެހޭ ސެކްޝަނުން އެ ފައިސާ ދޫކުރުމަށް ފުރިހަމަ ކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަކޮށް، ކޯޓު އަމުރުގެ ދަށުން އެ ހުރިހާ ފައިސާއެއް އެފަރާތައް ދޫކޮށްފައިވާތީ، އެ ފައިސާ އެ ފަރާތަށް ލިބިފައިވާ ކަމަށް އެ ފަރާތުގެ ވަކީލު އިއްޔެ ކޯޓަށް އަންގާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެހެންކަމުން މި މައްސަލައަކީ ތަންފީޒު ކުރެވިފައިވާ މައްސަލައެއް ކަމަށް ސިވިލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.