ޚަބަރު

ޓްރީ ޓޮޕް ހޮސްޕިޓަލުން ހިންގާ ނާޗާ ޕްރޮގްރާމްގެ މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ވަރަށްވެސް ކާމިޔާބު

މާބަނޑު މީހުންނަށާއި އަލަށް ކުދިން ލިބިފައިވާ މީހުންނަށް މައުލޫމާތު ދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ ނާޗާ ޕްރޮގްރާމްގެ މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

ތަޖުރިބާކާރުންގެ އިރުޝާދާއި ޢަމަލީ ލަފާ މައިންބަފައިނަނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާޗާ ޕްރޮގްރާމްގެ މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ ޕްރޮގްރާމުގެ ސެޝަންތައް ނަންގަވައިދެއްވާފައިވަނީ ގިނަ ދާއިރާތަކުގެ މާހިރުންގެ ޓީމަކުންނެވެ. އޭގެ ތެރޭގައި ކޮންސަލްޓަންޓް އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ ޑރ. މުނުސްވާމީ ނާރާޔަން ސަމްޕަތު، ކޮންސަލްޓަންޓް ނިއޮނޭޓޮލޮޖިސްޓް (އަލަށް ވިހާ ކުޑަކުދިންގެ ހާއްސަ) ޑރ. ސަރްފަރާޒް ރަފީގު އަހުމަދު މޮމޮން އަދި ޕީޑިއެޓްރިކްސް، ފިޒިއޮތެރަޕީ، ޑާމެޓޮލޮޖީ އަދި ނާސިން ދާއިރާގެ ތަޖުރިބާކާރުން ހިމެނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެ ޕްރޮގްރާމުގައި މުހިއްމު ގިނަ މައުޟޫތަކަށް މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގާތުންދިނުމާއި ވިހެއުމާއި ގުޅުންހުރި ކަންތައްތަކާއި އަލަށް ވިހާ ތުއްތުކުދިން ބެލުމުގެ އިރުޝާދާއި މާބަނޑު ދުވަސްވަރުގެ ރިހުން މެނޭޖުކުރުމާއި ވިހެއުމުގެ ކުރިއާއި ފަހުގެ ފިޒިއޮތެރަޕީގެ އިތުރުން މައިންގެ ހަމުގެ ފަރުވާ އަދި ތުއްތުކުދިން ފެންވެރުވުމާއި ގުޅޭ މައުލޫމަތު ހިމެނޭ ކަމަށެވެ. އަދި އެ ސެޝަންތަކުގައި މައިންބަފައިންނަށް ސުވާލުކުރުމާއި ސިއްހީ ފަންނުވެރިންގެ ފަރާތުން އަގުހުރި މައުލޫމާތު ހޯދުމުގެ ފުރުސަތުވެސް ދިން ކަމަށް ބުންޏެވެ.

ނާޗާ ޕްރޮގްރާމް ނިންމާލީވެސް ޑރ. މުނުސްވާމީ ނާރާޔަން ސަމްޕަތު އަދި ޑރ. ސަރްފަރާޒް ރަފީގު އަހުމަދު މޮމޮން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނަކުންނެވެ. އެ ސެޝަނުގައި މައިންބަފައިންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސުވާލުކުރުމާއި ތަޖުރިބާކާރުންގެ ލަފާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސަވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.