ލައިފް ސްޓައިލް

ސެމްސަންގް ގެލެކްސީ ގަޑީގައި ކުޑަކުދިންނަށް ހާއްސަ ފީޗާއެއް ތައާރަފުކޮށްފި

ކުޑަކުދީންނަށް ހާއްސަކޮށްގެން ގެލެކްސީ ގަޑީގެ އާ ފީޗާއެއް ސެމްސަންގުން ތައާރަފު ކޮށްފިއެވެ. މި ފީޗާ އޯއެސް އިން ހިންގާ ގެލެކްސީ ވޮޗް 7 އެލްޓީއީ މޮޑެލްތަކުން ލިބޭނެ އެވެ. މި ފީޗާގެ ސަބަބުން މައިންބަފައިންނަށް ގޫގުލް ފެމިލީ ލިންކް ފީޗާ ބޭނުންކޮށްގެން ދަރިފުޅުގެ ގަޑި ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދެއެވެ.

އެންމެ ފުރަތަމަ ކަމަކީ، ކުޑަކުދީންނަށް ގެލެކްސީ ވޮޗެއް ސެޓަޕްކުރުމަށް ވަކި ފޯނެއް ބޭނުމެއް ނުވެއެވެ. މައިންބަފައިންގެ ފޯނުން އެކަން ކުރެވިދާނެއެވެ. ބޭނުންވާނީ ހަމައެކަނި ގެލެކްސީ ވޮޗް 7 އެލްޓީއީ އެކެވެ.

މި ފީޗާގެ ސަބަބުން މައިންބަފައިންނަށް އެމީހުންގެ ދަރިން ބޭރުގައި އުޅޭއިރު ގުޅުންހުރި ގޮތެއްގައި ތިބުމަށް އެހީތެރިވެދެއެވެ. މިސާލަކަށް، ލޮކޭޝަން ހިއްސާކުރުމުގެ ފީޗާ ހުރުމުން، މައިންބަފައިންނަށް އެމީހުންގެ ދަރީން އުޅޭ ތަންތަން ބެލުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި ދަރިފުޅުގެ ކޮންޓެކްޓްތައް ބެލެހެއްޓުމުގެ ފުރުސަތުވެސް ލިބެއެވެ. އެމީހުންނަށް ގުޅޭނެ އަދި މެސެޖް ފޮނުވޭނެ މީހުންނާއި، އެކަން ނުކުރެވޭނެ މީހުންވެސް ކަނޑައެޅޭނެއެވެ.

މީގެ އިތުރުން، އެސްއޯއެސް ފީޗާއެއްވެސް ހިމެނެއެވެ. ކުއްޖާއަށް ބަޓަން ފަސް ފަހަރު ފިއްތާލައިގެން އެހީއަށް އެދެވިދާނެ އެވެ. އަދި 'ސްކޫލް ޓައިމް' ކިޔާ ފީޗާއެއްވެސް ހުރެއެވެ. މިއީ މައިންބަފައިންނަށް ސްކޫލް ގަޑިތަކުގައި އެކްޓިވޭޓްކުރެވޭ ފީޗަރެކެވެ. މިއީ އަސްލު ޑޫ-ނޮޓް-ޑިސްޓާބް މޯޑެއް ފަދައިން މަސައްކަތްކުރާ އެއްޗެކެވެ. މިގޮތުން، ކުދީންނަށް ދަތިކަމެއް ނެތި ކިޔެވުމަށް ސަމާލުކަން ދެވިދާނެއެވެ.

މި ހުރިހާ އެއްޗެއް އެއްކޮށްލުމުން، ކުޑަކުދިންނަށް މަޖާ ވެއަރަބަލް ތަޖުރިބާއެއް ލިބިގެންދެއެވެ. މިގޮތުން، އެމީހުންނަށް އެމީހުންގެ އެކުވެރިންނާއެކު ގުޅުންހުރި ގޮތެއްގައި ތިބެ، އުނގެނުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި މި ގަޑިން އެ މީހުންގެ ދުވަހުގެ ހަރަކާތްތައް މޮނިޓާކުރެވެއެވެ. ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވެދެއެވެ. މައިންބަފައިންނަށް މި މައުލޫމާތުތައް ބަލައި، ދުޅަހެޔޮ އާދަތައް އަށަގެންނެވުމަށް ހިތްވަރުދެވިދާނެއެވެ.

މިވަގުތު، މި ފީޗާ ލިބެން ހުރީ ހަމައެކަނި ގެލެކްސީ ވޮޗް 7 އެލްޓީއީ މޮޑެލްގަ އެވެ. މިހާތަނަށް، މި ފީޗާ އެމެރިކާ ފިޔަވައި އެހެން ގައުމުތަކުގައި ލިބޭނެކަމުގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.