ހއ. މުރައިދޫގެ ކައުންސިލް އިމާރާތުގެ ބިންގާ އާއި ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. އަތޮޅު ރަށްރަތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ މުރައިދުއަށް ވަޑައިގެންފައެވެ. އެ ދެ އިމާރާތުގެ ބިންގާ އަޅައިފައިވަނީ އެ ދަތުރުފުޅުގެ ތެރެއިންނެވެ.
ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އަދި ކައުންސިލް އިމާރާތުގެ ބިންގާ އަޅުވައިދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފްއެވެ.
ރައީސް ވަނީ މުރައިދުއަށް ވަޑައިގެން އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
ރައީސް ވިދާޅުވީ މުރައިދޫގެ ތަރައްގީއަށް ސަރުކާރުން ވަރަށް ގިނަ ކަންކަން ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން މުރައިދުއަށް އެންމެ މުހިންމީ ބަނދަރު ތަރައްގީ ކުރުން ކަމަށެވެ. އަދި ބަނދަރުގެ މަޝްރޫއަށްފަހު ރަށުގެ މަގު ހެދުމުގެ މަޝްރޫއު ފެށިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުރައީދުއަށް ދިމާވެފައިވާ ރަށް ގިރުމުގެ މަސައްކަތް ހައްލުކުރުމުގެ ގޮތުން ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ބޭރުތޮށީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޓް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ) އިން ކުރާނެ ކަމަށާއި އެމްޓީސީސީން މުރައިދޫން ފައިބާނީ އެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ނިންމުމަށްފަހު ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މުރައިދޫގެ އާބާދިއަށް އެކަށީގެންވާ ވަރަށް އެ ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކޮށްދެއްވާނެ ކަމަށާއި އަދި ރަށުގެ ސްކޫލް ވެސް ތަރައްގީކޮށް ރަށަަށް ބޭނުންވާ ކުޅިވަރު ފެސިލިޓީސްތައް ތަރުތީބުވެފައިވާ ގޮތަށް ސަރުކާރުން ކުރިއަށްގެންދާނެ ކަމަށެވެ.