އެ މަނިކުފާނު ރަށްރަށް ވަޑައިގެން ރަށުގެ ތަރައްގީއަށް ކަންކަން ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވަނީ ކުއްލި ކުއްލިއަކަށް އެއްވެސް ރޭވުންތެރިކަމެއް ނެތިއެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް، ހއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މުރައިދުއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރަށްރަށް ވަޑައިގަންނަވަނީ އެ މަނިކުފާނު ރިޔާސީ އިންތިހާބުގައި ރަށްރަށަށް ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަންކަމާ ގުޅޭގޮތުން ރަށުގެ ރައްޔިތުންނާ އިތުރަށް މަޝްވަރާކޮށް، ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންނާ ބައްދަލުވާ އިރު، ސަލާމް ކުރަން ތިއްބަވާ ބޭފުޅުން އެ ވިދާޅުވެލައްވާ ކަންކަން ތުއްތު ކުދިން ކަމަށް ވިޔަސް އެކި އުމުރުފުރާގެ ބޭފުޅުން ވިޔަސް އެކަންކަމުގެ ތެރެއިގައި މި ހުންނަނީ މި ދެންނެވި ކަންކަން. ވައުދުވެފަ ހުރި ކަންކަން، އަދި ރަށުގެ ހުރި ހިނގަންޖެހޭ މުހިންމު ކަންކަން،" ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ އެއްވެސް ހާލެއްގައި އަޅުގަނޑު ރައްޔިތުން ގާތަށް އައިސް މި ދައްކާ ވާހަކައަކީ ކުއްލި ކުއްލިއަށް ކޮންޓޭނިއަސްކޮށް ދައްކާ ވާހަކައެއް ނޫން. ޕްލޭން ކުރެވި ކަންކަން ކުރެވޭނެ ގޮތް މަޝްވަރާކުރެވި އެކަންކަން ކުރެވޭނެ ގޮތް ކަނޑައަޅައިގެން ކުރިއަށްދާން ވެގެން ހަމަ ތަފުސީލާއެކީގައި އަޅުގަނޑުމެންނާ ކަންކަން ހަމަޖެހިފައި އޮވެގެން ދައްކާ ވާހަކައެއް... މިހެން މި ދަންނަވާލި ސަބަބަކީ އަޅުގަނޑު މިގޮތަށް ރަށްރަށް ރައްޔިތުން ގާތަށް ދިޔުމުން ރައްޔިތުން ވިދާޅުވެލައްވާ ކަންކަން ސަރުކާރުން ކޮށްދޭނެ ކަމަށް އަދި ކޮށްދޭނެ ގޮތް އަޅުގަނޑު މިގޮތަށް ދަންނަވަމުން ގެންދާތީ ބައެއް ފަރާތްތަކުން އެކަމާ ދެކޮޅަށް ވާހަކަ ދައްކާ އެއްވެސް ޕްލޭނެއް ނެތި ނޫނިއްޔާ ބެޖެޓު ނެތި އަޅުގަނޑުމެން ކަންކަން ކުރާނެ ވާހަކަ ދައްކަނީއޭ. ނޫން އެހެނެއް ނޫން، ވަރަށް ސާފުކޮށް ސަރުކާރުގެ ކަންކަން އަޅުގަނޑު އަބަދުވެސް ހާމަކުރަން"
ކުރީ ސަރުކާރުން ރަށްރަށުގައި ފަށައިފައި ނުނިމި ހުރި ވަރަށް ގިނަ މަޝްރޫއުތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫއުތައް ހުއްޓިފައިވަނީ ކޮންޓްރެކްޓަރަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ކަމަށާއި ނަމަވެސް މި ސަރުކާރުން ދަނީ އެ ފައިސާތައް ހަމަޖައްސައި މަޝްރޫއުތަކުގެ މަސައްކަތް އަލުން ފަށަމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ އަހަރު ރަށްރަށުގައި މަޝްރޫއުތަކެއް ކުރިއަށް ނުގެންދެވުނީ އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އެ އަހަރަށް ބަޖެޓް ފާސްކޮށްދީފައިވާ ގޮތުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުރައިދޫގެ ތަރައްގީއަށް ސަރުކާރުން ވަރަށް ގިނަ ކަންކަން ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން މުރައިދުއަށް އެންމެ މުހިންމީ ބަނދަރު ތަރައްގީ ކުރުން ކަމަށެވެ. އަދި ބަނދަރުގެ މަޝްރޫއަށްފަހު ރަށުގެ މަގު ހެދުމުގެ މަޝްރޫއު ފެށިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުރައީދުއަށް ދިމާވެފައިވާ ރަށް ގިރުމުގެ މަސައްކަތް ހައްލުކުރުމުގެ ގޮތުން ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ބޭރުތޮށީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޓް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ) އިން ކުރާނެ ކަމަށާއި އެމްޓީސީސީން މުރައިދޫން ފައިބާނީ އެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ނިންމުމަށްފަހު ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މުރައިދޫގެ އާބާދިއަށް އެކަށީގެންވާ ވަރަށް އެ ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކޮށްދެއްވާނެ ކަމަށާއި އަދި ރަށުގެ ސްކޫލް ވެސް ތަރައްގީކޮށް ރަށަަށް ބޭނުންވާ ކުޅިވަރު ފެސިލިޓީސްތައް ތަރުތީބުވެފައިވާ ގޮތަށް ސަރުކާރުން ކުރިއަށްގެންދާނެ ކަމަށެވެ.