އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ގަވާއިދު އިސްލާހުވަންދެން 2010 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގަވާއިދަށް އަމަލު ކުރަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ހުށަހަޅުއްވައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ތާއީދު ކުރެއްވި މި ހުށަހެޅުން މަޖިލީހުން ފާސް ކުރީ ޖަލްސާގައި ތިއްބެވި 82 މެންބަރުންގެ ތެެރެއިން ވޯޓު ދެއްވި 80 މެންބަރުންގެ އިއްތިފާގުންނެވެ.
މި ހުށަހެޅުމުގައި ވަނީ، ގާނޫނުއަސާސީގެ 88 ވަނ މާއްދާގެ (ހ)ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން އަމަލު ކުރާނީ 2 މާޗް 2010 ގައި 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވާ ގަވާއިދަށް ކަމުގައި މަޖިލީހުން ކަނޑައެޅުމަށެވެ.
އަދި އެ ގަވާއިދު އިސްލާހު ކުރުމަށްޓަކައި ވަގުތީ ކޮމިޓީއެއް އެކުލަވާލައި 30 ދުވަހުގެ ތެރޭގައި ކޮމިޓީން މަޖިލީހުގެ ގަވާއިދު މުޅިން އިސްލާހުކުރުމަށްފަހު ފާސް ކުރުމަށް ތަޅުމަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ހުށަހެޅުމުގައި ބުނެފައިވެއެވެ. އަދި މި 30 ދުވަހުގެ ކުރިންވެސް ދުވަހުން ދުވަހަށް ގެންނަން ފެންނަ ބަދަލުތައް ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅަމުން ގެންދިއުމަށް ވެސް ފާސްކުރި އެ ހުށަހެޅުމުގައި ބުނެފައިވެއެވެ.
މި ހުށަހެޅުން މަޖިލީހުން ފާސް ކުރުމާ ގުޅިގެން 30 ދުވަހުގެ ތެރޭގައި ގަވާއިދު އިސްލާހު ކުރުމަށްޓަކައި 11 މެންބަރުންގެ ކޮމިޓީއެއް ހޮވައި އެ ކޮމިޓީ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މި ކޮމިޓީގައި ހިމެނި ވަޑައިގަންނަވަނީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު، އާއި ރިމަރަފުށީ ދާިރާގެ މެންބަރު އަބުދުﷲ ރިޔާޒު، އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ސިޔާމު، އާއި ކުޑަހުވަދު ދާއިރާގެ މެންބަރު އަހުމަދު އާމިރު، އާއި ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އާއި ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހަސަން ލަތީފު، އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު، އާއި މަރަދޫ ދާީރާގެ މެންބަރު އިބްރާހިމް ޝަރީފު ގެ އިތުރުން ފުނާދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެވެ.
މި ކޮމިޓީ ފާސްކުރީ، ޖަލްސާގައި ތިއްްބެވި 82 މެންބަރުންގެ ތެރެއިން ވޯޓު ދެއްްވި 79 މެންބަރުންގެ އިއްތިފާގުންނެެވެ.