ހަފްތާއަކު ދެފަހަރު ރައްޔިތުންގެ މަޖިލީހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ނޫސްވެރިންނަށް މައުލޫމާތުދޭން ނިންމައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށްފަހު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ އަމީން އާއްމު ފާތުމަތު ލިއުޝާ ވިދާޅުވީ މި ނިންމުމަކީ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބުދުﷲގެ އެދިލެއްވުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިދާރާގައި ހިނގާ މުހިއްމު އެކި ކަންކަން މި ނޫސްވެރިންގެ ބައްދަލުވުންތައް މެދުވެރިކޮށް އާންމުންނާއި ހިއްސާ ކުރައްވާނެކަމަށް ލިއުޝާ ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މަސައްކަތްތަކުގެ ކުރު ހުލާސާއެއް އަމީން އާއްމު ނޫސްވެރިންނަށް ދެއްވިއެވެ.
އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ހުއްދަ ދިނުމަށް މަޖިލީހުން ފާސްކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ. އަިދ މަޖިލީހުގެ ގަވައިދު 30 ދުވަސް ތެރޭ އިސްލާހުކުރުމަށް މިއަދުގެ ޖަލްސާގައި ހުށަހަޅައި ކޮމިޓީއެއް އެކުލަވައިލިކަމަށް ވިދާޅުވިއެވެ.